ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފިއެވެ.
އެގޮތުން އެމްޑީޕީ އަށް ނިސްބަތްވާ ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ވަނީ ގެންގޮސްފައެވެ. އެ ހަތަރު ކެންޑިޑޭޓުންނަކީ ވެސް އެއް ރަށެއްގެ ކައުންސިލަރުގެ މަގާމަށާއި ދެ ރަށެއްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް ވާދަކުރާ ކެންޑިޑޭޓުންނެވެ.
ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންނަކީ ތ. ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓު ރަޢުދާ ޢަބްދުﷲ އާއި ޅ. ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު ޙައްވާ ޢަބްދުﷲ (ހައްވަޑީ) އާއި ޅ. ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު ޚަދީޖާ ނަޖުމާ (ޚައްޖަ ނަޖޫ) އަދި ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު މަރްޔަމް ޝިބާ ނަޖީބް (ޝިބާ)އެވެ.
މީގެއިތުރުން އިދިކޮޅު ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެގޮތުން ބ. ކުޑަރިކިލު ކައުންސިލްގެ މެންބަރު ކަމުގެ މަގާމަށް ޕީޕީއެމް އިން ވާދަކުރި ކެންޑިޑޭޓު މުޙައްމަދު ޙަސަން، އަދި ޅ. ހިންނަވަރު ކައުންސިލްގެ މެންބަރު ކަމަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރި ނިޝާން ޢަބްދުލްވައްހާބު ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިއުލާން ކުރާނެ ކަމަށް އީސީން ބުނެއެވެ.
ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިން ކަމަށް އީސީން ބުނެއެވެ.
މި ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅުއްވާނީ ކޮމިޝަނުގެ އީމެއިލް (info@elections.gov.mv) މެދުވެރިކޮށެވެ.
ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި މި ދެ އިންތިހާބު ފަސްކޮށްފައިވާއިރު، މި ދެ އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުއެވެ.