Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ރައީސް އޮފީސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނު މި ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރައްވާފައެވެ.

އުމުރުފުޅުން 82 އަހަރުގެ މައުމޫން ކޮވިޑަށް ޕޮޒިޓިވް ވިއިރު، އުމުރުން ދުވަސްވީ މީހުންނަކީ މި ބަލީގެ އެންމެ ހައި ރިސްކު ކެޓެގަރީގެ މީހުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މާލެ ސަރަހައްދުގައި އަންނަނީ ވަރަށް ހަލުވި މިނެއްގައި ފެތުރެމުންނެވެ. އެގޮތުން އެކަނި ވެސް މި ބައްޔަށް ރާއްޖެއިން ވަނީ 135 މީހަކު ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 4439 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން އަންނަނީ 2580 މީހުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 28 މީހަކު ނިޔާވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ ރޭގަނޑު 10 އިން ފަތިހު 5 އާއި ހަމައަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމަށް ނިންމާފައެވެ. އަދި ރޭގަނޑު 8 އިން ފަތިހު 5 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާކުރުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.