ކޮވިޑް-19އަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް އަވަސް ޝިފާއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
މައުމޫނަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންނެވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
My thoughts and prayers are with you President @maumoonagayoom. May almighty Allah grant you a speedy recovery. https://t.co/rpxEVJumDC
— Ibrahim Mohamed Solih (@ibusolih) August 26, 2020
މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މައުމޫން މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފައެވެ.
މައުމޫންގެ އާއިލާއިން ވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި އަދި ބަލީގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށް ވިދާޅުވެފައެވެ.
އުމުރުފުޅުން 82 އަހަރުގެ މައުމޫން ކޮވިޑަށް ޕޮޒިޓިވް ވިއިރު، އުމުރުން ދުވަސްވީ މީހުންނަކީ މި ބަލީގެ އެންމެ ހައި ރިސްކު ކެޓެގަރީގެ މީހުންނެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މާލެ ސަރަހައްދުގައި އަންނަނީ ވަރަށް ހަލުވި މިނެއްގައި ފެތުރެމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް މި ބައްޔަށް ރާއްޖެއިން ވަނީ 135 މީހަކު ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 4439 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން އަންނަނީ 2580 މީހުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 28 މީހަކު ނިޔާވެފައެވެ.