ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައީސް މައުމޫންގެ ދަރިކަލުން އަދި ޕީޕީއެމްގެ ނާއިބު ރައީސް ގައްސާން މައުމޫނަށް ގުޅުއްވައިގެން ދެއްކެވި ވާހަކަތައް އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.
ޖާބިރު ގައްސާނަށް ގުޅުއްވާ އެއީ ޖާބިރު ކަމަށާއި ރައީސް މައުމޫނަށް ކޮވިޑް ޖެހިވަޑައިގެންނެވި ވާހަކަ އަޑުއެއްސެވި ކަމަށް ވިދާޅުވެއެވެ. އެކަމާ ހިތާމަކުރާ ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވަނީ ރައީސް މައުމޫން އަވަހާރަވެއްޖެ ނަމަ، ފަސްދާނަލެއްވުމުގެ ކުރިން ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ ދޭންވާނެ ކަމަށެވެ.
ބައްޕަގެ ދަރަންޏަކީ ގައްސާން ދައްކަވަން ޖެހޭ އެއްޗެއް ނޫން ކަމަށް ގައްސާން ވިދާޅުވި ނަމަވެސް ތަރިކަ މުދަލުން ބަދަލު ދޭން ޖެހޭނެ ކަމަށް ޖާބިރު ވަނީ ގައްސާނަށް ގުޅުއްވާ ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ގައްސާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން މަޖިލިސް ތެރޭގައި ގައްސާނާއި ދިމާލަށް ޖާބިރު ވިދާޅުވާހާ އެއްޗެއްސަކީ ސަމާސާ ކަމަށް ހީފުޅު ކޮށްގެން ހުންނަވާ ކަމަށެވެ. ނަމަވެސް ރައީސް މައުމޫންގެ އާއިލާއަށް ދިމާވެފައި މިވާ ހާސްކަމުގެ ވަގުތު ޖާބިރުގެ ހިތްޕުޅުގެ ހަގީގީ ކުލަވަރު ދައްކަވާލައްވައިފި ކަމަށް ގައްސާން ވިދާޅުވެއެވެ. އެކަމާ ވަރަށް ދެރަފުޅުވެއްޖެ ކަމަށް ވިދާޅުވެ ގައްސާން ވިދާޅުވީ ކޮންމެ ދިރުމެއްވެސް ނިމިދިއުން ހުރީ އެކަލާނގެ ހަޒްރަތުން ކަމަށް ގައްސާން ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން އިދިކޮޅުން ބުނީ އެޕާޓީގެ ނާއިބު ރައީސަށް ޖާބިރު ގުޅައިގެން ދެއްކި ހަޑިހުތުރު އަދި ލާއިންސާނީ ވާހަކަތައް އެ ކޯލިޝަނުން ކުށްވެރި ކުރާ ކަމަށެވެ.