ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ މަސައްކަތާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، އެކަމަނާ ބޭރުކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް މަޖިލީހުގެ ރައީސް ދެއްވައިފިއެވެ.
އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މިނިސްޓަރު ޒަހާ ގާނޫނާ ޚިލާފު ވެފައިވާކަން ފާހަގަކޮށް މަގާމުން ދުރުކުރުމަށް މަޖިލިސް މެމްބަރުންނަށް އިޝާރާތެއް ވެސް ކުރައްވާފައެވެ. "އެހެންވީމާ އަޅުގަނޑު އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާން އޮތީ ވަޒީރު މަސްއޫލިއްޔަތު އަދާނުކުރެއްވީމާ އަމަލުކުރާ ގޮތް އިއްޒަތްތެރި މެމްބަރުންނަށް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.
މިނިސްޓަރު ޒަހާއަށް ނަޝީދުގެ ފާޑުކިޔުންތައް އަމާޒުވީ، ގާނޫނުގައި ބުނެފައިވާ ގޮތަށް މަސްވެރިކަމާ ބެހޭ ގާނޫނުގައި ބުނާ ގަވާއިދުތައް ހަދަން ޖެހޭ މުއްދަތުގެ ތެރޭގައި ހެދިފައިނުވާތީއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ގައި މަސްވެރިކަމުގެ ގާނޫނަށް އާ އިސްލާހުތަކާއެކު އަމަލުކުރަން ފަށާފައިވާއިރު، އެ ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދަން ޖެހެއެވެ.
ނަމަވެސް ގާނޫނާއި އެއް ގޮތަށް މިނިސްޓަރު ޒަހާ އެކަން ކުރައްވާފައިނުވާތީ ދެން ބެލެވޭނީ އެކަމަނާ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ގަވާއިދު ކޮމިޓީން ނިންމަވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ގަވާއިދު ކޮމިޓީން ޒަހާއާ ދެކޮޅަށް ނިންމި ރިޕޯޓަށް މަޖިލީހުގައި ބަހުސް ކުރަން ފެށުމުން، ޒަހާ މަޖިލީހަށް ސިޓީއެއް ފޮނުއްވި ކަން ވެސް ނަޝީދު ވަނީ އިއުލާންކޮށްފައެވެ. އެ ސިޓީގައި ގަވައިދުތަކުގެ ދެލިކޮޕީއެއް، އެޓާނީ ޖެނެރަލްގެ ލަފާ ހޯދަން ފޮނުއްވާފައިވާ ވާހަކަ ކަމަށް ވިދާޅުވި ނަމަވެސް، އިއްޔެ އާ ހަމައަށް ވެސް ގަވާއިދުތައް ގެޒެޓް ކޮށްފައިނުވާ ކަމަށް ރިޔާސަތުން ހާމަކުރިއެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވެސް ޒަހާގެ މައްސަލަ ބަލައި ރިޕޯޓެއް ހުށައަޅައިފިނަމަ، އޭގައިވެސް އޮންނާނީ ޒަހާ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ނުވާ ކަމަށް ކަމަށެވެ.
ބެލެވޭ ގޮތުގައި ދެން، ރައްޔިތުންގެ މަޖިލީހުން ނަގާނީ މިނިސްޓަރު ޒަހާގެ އިތުބާރު ނެތް ކަމުގެ ވޯޓެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީ މެމްބަރުންނަށް އިޝާރާތް ކުރައްވައި ނަޝީދު ވަނީ ދެން މެމްބަރުން ކުރައްވަން ޖެހޭ ކަން ވަރަށް ސާފު ކަމަށް އިއްޔެގެ ޖަލްސާގައި ވިދާޅުވެފައެވެ.
އެމްއާރްއެމްގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެން ހުންނެވި ޒަހާ ވަހީދަށް މީގެ ކުރިން ވެސް ނަޝީދު ވަނީ މަޖިލީހުގައި މެމްބަރުން ކުރައްވާ ސުވާލުތަކަށް ދެއްވާ ޖަވާބާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެމްޑީޕީ މެމްބަރުން ވަނީ އެކި ފަހަރު މަތިން ޒަހާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މީގެ ކުރިންވެސް ވާހަކަ ދައްކާފައެވެ.