Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 24، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

ހީނާ އޭނާގެ ބައްޕަގެ ގެއަށް ގޮސްފައި އުނައިސް އަށް ގުޅި އެވެ. އެހެނަސް އުނައިސް ފޯނު ނަގާފައި ހަލޯ ބުނާ އިރަށް ފޯނު ކަނޑާލަ އެވެ. އެތައް ފަހަރެއްގެ މަތިން ހީނާ އުނައިސް އަށް ޖެއްސުން ކުރި އެވެ.

"ހަލޯ…ކިހާ ދެރަކަމެއް. ވާހަކަ ނުދެއްކޭ މީހުން ގުޅަނީ ކީއްވެތަ؟"

"ހަލޯ.." އެ ކޮޅުން އަޑު އަ އެވެ. ފިރިހެން އަޑެކެވެ.

"ހަލޯ ކާކު ހޯދަން؟"

"ޔޫނުސް އާ ގުޅިދާނެތަ؟"

"ވާހަކަ ދައްކަނީ އުނައިސް. ޔޫނުސްގެ ފިރިހެން ދަރިފުޅު އަޅުގަނޑަށް އަހާލެވިދާނެތަ އެއީ ކޮން ކަމަކުތޯ؟ ބައްޕަ ކުޑަކޮށް ބަލިވެ އުޅުއްވާތީ އަރާމު ކުރައްވަނީ."

"އަހަރެން މި ގުޅަނީ ވިލެޖް ޓުއާ އިން. އަޅުގަނޑުމެންނާއެކު ކާގޯ ޝިޕްމެންޓެއް ސަލީމް މަހެއްހާ ދުވަސް ކުރިން ގެނައި. އަދި އޭގެ އަގު އަދާ ނުކުރެވި އޮތީމަ ގުޅަން ޖެހުނީ." އެކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެއީ ކިހާ ވަރެއް؟"

"އެއްލައްކަ ބާވީސް ހާސް ރުފިޔާ."

"ތި ފައިސާ ދައްކަން ޖެހެނީ ކިހާ ދުވަހެއްގެ ކުރިން؟"

"މިހާރު އެއްބަސްވީ މުއްދަތު ފާއިތުވެ ގޮސްފި. ދެން ހިނގަމުން ދާ ކޮންމެ ދުވަހަކަށް 200 ރުފިޔާގެ ޖުރުމާނާއެއް ދައްކަން ޖެހޭނެ." އޭނާ ބުންޏެވެ.

"މިހާރުން މިހާރަށް ތި ލާރި ދެއްކޭކަށް ނޯންނާނެ އަދި ޖެހޭނީ މުއްދަތެއް ދޭން."

"މުއްދަތު ދެން ދޭނީ ކޯޓުން. ކަލޭމެން އަހަރެން ގުޅީމަ ފޯނު ނުނެގި ހިސާބުން އަހަރެންނަށް އެނގިއްޖެ ކަމެއް ގޯސްވިހެން. ބަލަ ލަންކާއިން ބޮޑެތި މެހެލް ގަންނަ އިރު އަހަރެންގެ ކުޑަ ލާރިކޮޅެެއް ނުދެވެންވީ ކީއްވެ؟" އޭނާ ރުޅިގަދަ ވާން ފެށި އެވެ.

"އަހަރެމެން ނުގަންނަން ތަނެއް ލަންކާ އިން."

"ދެން އިތުރަށް ދޮގު ހަދަން ނޫޅޭ. ކަލޭގެ ބައްޕަ ކައިރީ ބުނޭ ލައްކަ ދުވަހަށް ބެލުނޭ. އެކަމަކު ދެނެއް އަހަރެމެން ނުބަލަނާން." މިހެން ބުނެފައި އެނާ ފޯނު ކަނޑާލިއެވެ.

އުނައިސް ފޯނު ހިފަހައްޓައިގެން ހުރި ގޮތަށް ހުރީ އެވެ.

އެދުވަސް ކޮޅު ސަލީމް މާލެ އައިސް މާލެ އިން ތަނެއް ކުއްޔަށް ހިފައިގެން އުޅޭކަން އުނައިސް އަށް އޮތީ އެނގިފައެވެ. އުނައިސް ވަގުތުން އެ ގެއަށް ދިޔަ އެވެ.

ދޮރުމަތިން އުނައިސް ފެނުމާ އެކު ސަލީމް މާ ވަރަކަށް ހެމުން ކައިރިއަށް އަ އެވެ.

"އައްދެ ޅިޔަން މަނިކުފާނު މިގެ އެމގިލެއްވީ ކިހިނެއްތޯ؟"

"ކަލޭ ހީކުރީ ތާ އަބަދު ފިލައިގެން އުޅެވޭނެ ކަމަށްތަ؟"

"ދެން ޅިޔަނާ އާދޭ އެތެރެއަށް. ސައި ނުވަތަ ކޮފީތަ؟"

"އަހަރެން މިއައީ ކަލޭގެ މެހްމާނަަަކަށް ވެގެން ސަޔާއި ކޮފީ ބޯކަށެެއް ނޫން."

"ޅިޔަން މަނިކުފާނު ރުޅިއަ އުމުން މާކަ ރަނގަޅެއް ނުވާނެ ކަމެއް ނޭނގޭތަ؟"

"އަހަރެން ކަލޭ ކައިރިން ސުވާލުގެ ޖަވާބު ބޭނުން. އަހަރެންގެ ބައްޕަ ކަލެއަށް ވީ އިހްސާންތެރިކަމުގެ ބަދަލު ތަ ކަލޭ އަހަރެމެންގެ މުޅި އާއިލާ އަށް ތި ދިނީ. ކަލެ އަށް އަބުރުވެރި ވަޒީފާއެއް ދީ ކަލެ އަށް ބައްޕަގެ ދަރިއެއްގެ ގަދަރު ދެވުނުކަން ބައްޕަގެ ކުށަކީ ނޫނީ އެއީ ހެދުނު ގޯހެއްތަ؟"

"ޅިޔަނާ އަހަރެން ނެގީ އަހަރެންގެ މަސައްކަތުގެ އަގު ބުއްދީގެ ބޭނުންކޮށްގެން." ފަހުރުވެރިކަމާއޮ ބޮޑާކަމާ އެކު ސަލީމް ބުންޏެވެ.

"ކަލޭ އަހަރެމެންގެ ގެ ބަރުބާދުކޮށްފި. އާއިލާ ހަމަޖެހުން ނަގާލައިފި. މި އީތަ އިންސާފަކީ؟"

"ޅިޔަނާ ކަލޭ އިންސާފު ބޭނުމިއްޔާ މަދަނީ ކޯޓު މާދުރެއް ނޫން. އެތަނުގެ އެހީ ހޯދާ. ހަގީގަތަކީ އަހަރެން އެއްވެސް ބަޔަކަށް ގެއްލުމެއް ނުދެން. މޮޔަ ބަޔަކާ ގުޅިގެން އަހަރެންގެ މޮޅު ސިކުނޑި ބެނުން ކޮށްގެން މުއްސަދި މީހަކަށް ވުން މިއީ ގޯހެއް ނޫން."

"މިއަދު އަހަރެންގެ ލޭ ކެކިގެން އަޔަަސް އަހަރެންގެ އަތް ހިމޭނުން މިއޮތީ ކަލޭތީ އަހަރެންގެ ކޮއްކޮގެ ފިރިމީހާ އަށްވާތީ. އެ ގުޅުން ނެތްނަމ މިއަދު ކަލޭގެ މަސްގަނޑު ނަގަން ޖެހުނީހީ މި ދިމާ ގޮނޑުން." އިންޒާރުގެ ރާގެއްގައި އުނައިސް ބުންޏެވެ.

"ޅިޔަަނާ ކަލޭ ހަމަ މިހާރު މިތަނުން ނިކުމޭ." ސަލީމް ބިރުން ފަހަތަށް ޖެހެމުން ދިޔަ އެވެ. އެތަނުގަ ހުރިމޭ ޒެއްގައި ލައި ގަނެފައި ހުއްޓެވުނެވެ.

(ނުނިމޭ)