ބިދޭސީންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު މާޗު މަހުގެ 19 އަށްފަހު ތާރީހެއްގައި ހަމަވެފައިވާނަމަ ވިސާގެ މުއްދަތު އިތުރު ނުކޮށް ފުރާ ބަނދަރުން ފުރޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ އިންތިޒާމުގެ ދަށުން ފުރުވާލެވޭނީ، އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕާޗާ ފޯމު އިމިގްރޭޝަންގެ ކައުންޓަރަށް ހުށަހެޅުމުން ކަމަށެވެ. ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލާސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ވާކް ވިސާ ފިޔަވައި އެހެނިހެން ވިސާގެ މުއްދަތު 19 މާރޗް 2020 ގެ ކުރީގެ ތާރީޚަކަށް ހަމަވެފައިވާ ފަރާތްތަކުން ވިސާގެ މުއްދަތު އިތުރު ކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް، permitvisa@immigration.gov.mv އަށް އީމެއިލް ކުރެއްވުމަށް އެދޭ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އެޕްލިކޭޝަން ފޮރ އިމަޖެންސީ ޑިޕާޗާ ފޯމު ފުރިހަމަކޮށްގެން ރާއްޖެއިން ފުރޭނެ އެންމެ ފަހުގެ ތާރީހަކީ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަސް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިދަނޑިވަޅުގައި މަސައްކަތް ކުރަނީ ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޙާއްސަ ސަމާލުކަމެއް ދީގެން ކަމުގައިވުމުން، އެމީހެއްގެ ނުވަތަ އެކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބިދޭސީ ފަރާތްތަކުގެ ވިސާގެ ކަންކަން ފަހަށް މަޑުނުކޮށް ގަވާއިދުން ފުރިހަމަ ކުރަމުން ގެންދިއުމަށް ވެސް އިމިގްރޭޝަން އިން ވަނީ އިލްތިމާސްކޮށްފައެވެ.