Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ވަހީދާއި ޝުޖާއު ފުލުހަށް ހާޒިރުކުރަނީ ފާޑުކިޔުންތައް ހަޖަމު ނުވާތީ: އިދިކޮޅު

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރު ވާން އަންގާފައި ވަނީ ސަރުކާރަށް ކިޔާ ފާޑުކިޔުންތައް ހަޖަމު ނުވާތީ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް އަދި ޕީއެންސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕީއެންސީގެ ނާއިބު ރައީސް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ އެއްވެސް ހާލެއްގައި އެޗްޕީއޭގެ އެންގުންތަކަށް އަމަލު ނުކޮށްގެން ނޫން ކަމަށާއި އެއީ ސަރުކާރަށް ރައްޔިތުން ކިޔަމުން ގެންދާ ފާޑު ކިޔުންތައް ހަޖަމު ނުވެގެން ކުރާ ކަމެއް ކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރު ފެއިލްވެ ހަދާނެ ގޮތް ހުސްވުމުން، ސަރުކާރާއި ދެކޮޅަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގައި ކުރީގެ ރައީސް ބައިވެރިވެވަޑައިގަތުމާއި، އަދި 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު އިސްތިޢުފާ ދިނުމާއި ގުޅިގެން، މިއަދު ވެރިކަމުގައި ތިބި ބައެއްގެ ނުރުހުން އެންމެ ބޮޑަށް އޮތް ކުރީގެ ރައީސަށް އަމާޒުކޮށް، ސަޕޯޓަރުންގެ ރުހުން ސަރުކާރަށް އިތުރުކުރުމަށް ހިންގާ ސިޔާސީ ހަރަކާތެއް ކަމަށެވެ.

މިއަދުގެ ސަރުކާރަށް ކޮވިޑް މެނޭޖް ނުކުރެވި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން، ރައްޔިތުންގެ ތާއީދު އެއްކޮށް ގެއްލި، ސަރުކާރު ފެއިލްވުމާއި އެކު، ކޮންމެ ގޮތަކުންވެސް ވެރިކަން ދަމަހައްޓާ އެކްޓިވިސްޓުންގެ ރުހުން ހޯދުމަށްޓަކައި ހުދުމުޚުތާރުކަމާއެކު ހިންގަމުން ގެންދާ ޢަމަލުތައް ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

"ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުން ކުރަމުން ގެންދާ ކަންކަން، ބިރު ދެއްކުމުގެ ގޮތުން ފުލުހުން މެދުވެރިކޮށް ކުރަމުން ގެންދާ ކަންކަމުގެ ސަބަބުން ހުއްޓުވޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިއަށާއި ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. ރައީސް ޞާލިޙުގެ އަނިޔާވެރިކަމާއި، ދައުލަތުން ކުރަމުން ގެންދާ ވައްކަމާއި ކޮރަޕްޝަނާއި، ޤައުމު އެހެން ބައެއްގެ އަތްމައްޗަށް ފުރޮޅާލުމަށް ހިންގަމުން ގެންދާ ޢަމަލުތައް ހުއްޓުވުމަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާނެކަމަށާއި، ވާދަވެރި ލީޑަރުން ޖަލަށްލިޔަސް، އާޖީލުގެ ލީޑަރުން ނުކުމެ ގެންވިޔަސް މިސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާ ނުލާނެއެވެ." އިދިކޮޅުން ބުންޏެވެ.

ޚުދުމުޚުތާރުކަން އިސްކޮށްގެން ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލާ ޑިމޮކްރެޓިކް އުސޫލުން ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވަން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލާ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިއަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.