ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމްދީދީ (އިބްރާހީމްދީ) އާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިއަދު އައްޑޫގައި ބައްދަލު ކުރައްވާފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް އެނގިއްޖެ އެވެ.
އެހެން ނަމަވެސް އެ ދެ ބޭފުޅުން ބައްދަލު ކުރެއްވީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ނޭނގެ އެވެ.
އިބްރާހީމްދީ ނަޝީދާ ބައްދަލު ކުރެއްވި ކަމަށް އަޑު ފެތުރިފައި ވަނިކޮށް ނަޝީދު، އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ހުންނެވި ފޭދޫ ލިންކް ރޯޑްގައި ހުންނަ ވިމްލާ ގެސްޓް ހައުސް (މަޖިލިސް މެމްބަރު ރޮޒައިނާ އާދަމްގެ ގެ ކައިރި) އަށް ދެ ފަހަރަކަށް އިބްރާހީމްދީ ކާރުގައި ވަޑައިގެންނެވިތަން "އައްޑޫ ލައިވް" ގެ ނޫސްވެރިންނަށް ވެސް ފެނިފައިވެ އެވެ.
އެގޮތުން ފުރަތަމަ ފަހަރު ކާރުގައި ވަޑައިގެންފައި، ގެސްޓް ހައުސް އަށް ވަދެވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއް ފަހުން ނުކުމެވަޑައިގެން ކާރުގައި އަނބުރާ ވަަޑައިގެންނެވީ އެވެ.
އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި އަމީން ފައިސަލާ އެކު ކާރުގައި ގެސްޓް ހައުސް އަށް ވަޑައިގެން، އެތަނަށް ވެދެވަޑައިގަތުމަށް ފަހު، ނުކުމެ ވަޑައިގެން ކާރުގެ ޑިކީއަށް ދަބަހެއް އަރުވައިގެން އަނެއްކާ ވެސް ވަޑައިގެންނެވި ތަން ފެނިފައިވެ އެވެ.
އިބްރާހީމްދީއަކީ ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ބަދަލުވި އިރު ނަޝީދާ އެކު ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި ދައުވާ ލިބޭ ފަރާތެކެވެ.