އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އަޅަމުންދާ ފުލުހުންގެ ޓްރޭނިން އެކަޑެމީ އައްޑޫ ސިޓީ އަށް ބަދަލުކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޕޮލިސް އިންސްޕެކްޝަންޑޭ އާއި ގުޅުވައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝާހިދު ވިދާޅުވީ އައްޑޫގައި ގާއިމުކުރަމުންދާ އެ މަރުކަޒަކީ ހަމައެކަނި މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ މަސައްކަތެއް ނޫން ކަމަށާއި އެކަމަކީ 2012 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ މަސައްކަތެއް ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ އެ މަރުކަޒުގެ އެމްއޯޔޫއެއްގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރެވިފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށާއި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރު އަދި ފަހުން ރާއްޖޭގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޑރ.މުހައްމަދު ޖަމީލު ކަމަށް ޝާހިދު ވިދާޅުވިއެވެ.
އޭގެފަހުން އެ ޕްރޮޖެކްޓަށް އެކި ބަދަލުތައް އައިސްފައިވާ ކަމަށާއި އެގޮތުން މި މަރުކަޒު އެންމެ ފުރަތަމަ އަޅަން ނިންމާފައި އޮތީ ޅ.ދިއްފުށިމާދޫގައި ކަމަށްވާއިރު އޭގެފަހުން 2014 ވަނަ އަހަރު އެ ޕްރޮޖެކްޓު ލ.އަތޮޅަށް ބަދަލުކުރުމަށް ވެސް ނިންމުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެއަށްފަހު އެ ޕްރޮޖެކްޓު ބަދަލުކުރެއްވީ އައްޑޫ އަށް. އައްޑޫ އަށް ބަދަލުކުރުމުގައި އައްޑޫގެ ކައުންސިލާއި މަޝްވަރާ ކުރެއްވި. އެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު. އައްޑޫ އަށް މި ޕްރޮޖެކްޓު ބަދަލުކުރައްވާ، އައްޑޫގައި މިހާރު އެ ގާއިމުކުރަމުންދާ މަރުކަޒު ގާއިމު ކުރެވޭ ބިން ކަނޑައެޅުމާއި މި ކަންކަމުގައި އެމަނިކުފާނު އިސްކޮށް ހުންނަވާ އެ މަސައްކަތް ފައްޓަވާފައި ވަނީ" އުމަރު ވިދާޅުވިއެވެ.
ޝާހިދު ވަނީ މި ވާހަކަ މިގޮތަށް ދަންނަވާލުމުގެ ބޭނުމަކީ ސިޔާސީ ގޮތުން ހިޔާލުތަފާތުވެފައިވީ ނަމަވެސް ކަމެއްގައި އުޅުއްވާފައި ތިބި ބޭފުޅުން ކަމަށްވާނަމަ އެ ބޭފުޅުންނަށް ހައްގު ޝުކުރު ދަންނަވާލުން ކަމަށްވެސް ވިދާޅުވެފައެވެ.
ޝާހިދު މިގޮތަށް ވިދާޅުވިއިރު އެ މަރުކަޒު ގާއިމު ކުރައްވާތީ މިހާރު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ޖަމީލާއި އުމަރު ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އައްޑޫގައި އަޅާ އެ މަރުކަޒު އަންނަ އަހަރުގެ ތެރޭގައި ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.