މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުން ދިފާއުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ރައީސް ޔާމީން ވަނީ އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ދެބޭފުޅުން މީގެކުރިން ވޮޑަމުލާގެ ވާހަކަތައް ދައްކާފައި ނުވާއިރު މާފަހުން ދައުލަތާއެކު ވެފައިވާ އެއްބަސްވުމަކަށްފަހު ވޮޑަމުލާގެ ވާހަކަތައް އައުމުން ސުވާލު އުފައްދާވައެވެ.
އެގޮތުން ރައީސް ޔާމީން ވަނީ މިއަދު އަހުމަދު އަދީބާއި ޒިޔަތާއި ދެބޭފުޅުން "ފިތިފައި"ވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ އެއްވެސް ހާލެއްގައި އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި އައްލާމް ލަތީފަށް އެމަނިކުފާނު ގުޅީ ގއ. ވޮޑަމުލާގެ ފައިސާ ހޯދާކަން ނޫން ކަމަށެވެ. އަދި އެ ފޯނު ކޯލު ކުރިއިރު އަހުމަދު އަދީބު އައްލާމް ގާތުގައި ހުންނެވިކަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
މީގެއިތުރުން އަދީބު އަތުގައި ރައީސް ޔާމީނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިކަން، އެ ފޯނު ކޯލަށްފަހު އައްލާމް ލަތީފަށް އެނގުނުކަން އޭނާގެ ބަޔާނުން އެނގޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީނަށް ލިބެންޖެހޭ ފައިސާއެއް ހޯދުމަށް ގުޅިއިރު އެމަނިކުފާނަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާގެ ފައިސާކަން އެމަނިކުފާނަށް އެނގޭނީ ކިހިނެއްތޯ ވެސް ރައީސް ވަނީ ސުވާލު އުފައްދާފައެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކުށުގެ އުންސުރުތަކާއި ހިލާފަށް ކޮށްފައިވާ ދައުވާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ތަހުގީގަކީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ހިންގާފައިވާ ތަހުގީގެއް ކަމަށް ވިދާޅުވިއެވެ.