ރާއްޖެ އާ ރަޝިޔާއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް ހަމަޖެހިއްޖެއެވެ.
ރަޝިޔާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ މިސްރާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) އަދި ރާއްޖެ އަށެވެ.
ރާއްޖެއަށް ހަފްތާއަކު ދެ ފްލައިޓް ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ. މިސްރަށް ތިން ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވާއިރު ޔޫއޭއީއަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދެ ފްލައިޓެވެ.
ކޮވިޑާއި ގުޅިގެން ރަޝިޔާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރުތައް ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ.
މިދިޔަ މަހު ރާއްޖެ އައިސްފައިވަނީ 7628 ފަތުރުވެރިންނެވެ. މިދިޔަ މަހު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ވަނީ 373 ފަތުރުވެރިން އައިސްފައެވެ. އޭގެ ކުރީ މަހު ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 218 ފަތުރުވެރިންނެވެ.
މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޔޫއޭއީ އާއި އިނގިރޭސިވިލާތް އަދި އެމެރިކާ އިންނެވެ. އެގޮތުން ޔޫއޭއީން 1627 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 715 ފަތުރުވެރިން އަދި އެމެރިކާ އިން ވަނީ 674 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި ގުޅޭ ގައިޑްލައިނުގައިވާ ގޮތުން އެއާޕޯޓުން ފަތުރުވެރިންގެ ހުން ބެލުން ފަދަ ކަންކަން ކުރާނެ ކަމަށާއި އަދި އެގޮތަށް ސްކްރީން ކުރާއިރު، ކެއްސުމާއި ރޯގާ ޖެހިފައިވުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނަ ނަމަ އެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށެވެ. ޓެސްޓު ހަދާނީ އެ ފަތުރުވެރިއެއްގެ ޙަރަދުގައި ކަމަށްވެސް ގައިޑްލައިންގައިވެއެވެ.
އަދި ގްރޫޕަކާ އެކު އަންނަ ޓޫރިސްޓެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ މުޅި ގްރޫޕު ޓެސްޓު ކުރާނެ ކަމަށާއި މީގެއިތުރުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ރެންޑަމްކޮށް ވެސް ސާމްޕަލްތައް ނަގާނެ ކަމަށް ބުނެފައިވެއެވެ. މި ޓެސްޓުތަކަށް ހަރަދުކުރާނީ ސަރުކާރުންނެވެ.
އެއާޕޯޓުން ޓެސްޓުކުރާ ޓޫރިސްޓުންގެ ނަތީޖާ ލިބެންދެން ތިބެންޖެހޭނީ ޓްރާންސިޓް ފެސިލިޓީއެއްގައި އައިސޮލޭޓްވެގެން ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ތިބެންޖެހޭނީ މާސްކު އަޅައިގެން ކަމަށްވެސް ގައިޑްލައިނުގައި ބުނެފައިވެއެވެ.