ދައުލަތުގެ އޮފީސްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ތަކެތީގެ މައުލޫމާތު އޮފީސްތަކުން ހިއްސާނުކުރާތީ އެ މައުލޫމާތުތައް ހިއްސާކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.
މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ ހުރިހާ ސަރުކާރުގެ އޮފީސްތަކަކަށް ފޮނުވި ލިޔުމުގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ކެޕިޓަލް ބަޖެޓުން ހަރަދުކޮށްގެންނާއި އެހީގެ ގޮތުގައި ލިބޭ ހަރުމުދާ ނުވަތަ އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބޭ މުދާ ނުވަތަ ކެޕިޓަލް ހަރަދުގެ ގޮތުގައި ކުރެވޭ މަސައްކަތް ދައުލަތުގެ ހަރު މުދަލުގެ ރަޖިސްޓްރީގައި ބަހައްޓަން ޖެހޭ ކަމަށެވެ.
އެހެންނަމަވެސް ދައުލަތުގެ އޮފީސް ތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭ މުދަލުގެ މައުލޫމާތު ފޮނުވަމުން ނުދާ ކަމަށް މިނިސްޓަރު އަމީރު ސޮއި ކުރައްވާފައިވާ ފޮނުވި ލިޔުމުގައި ވިދާޅުވިއެވެ.
ދައުލަތުގެ ހަރުމުދަލުގެ ފުރިހަމަ ރަޖިސްޓްރީއެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާތީ ދައުލަތުގެ އޮފީސްތަކަށް މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ މުދަލުގެ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީން ވަނީ އީމެއިލްގެ މެދުވެރިކޮށް އެދިފައިވާ ކަމަށް ފިނޭންސް އިން ބުންޏެވެ.