ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ މާލީ ބަޔާން ހުށަނޭޅުނު ސަބަބު ޑީއާރްޕީ އިން ހާމަކޮށްދީފިއެވެ.
ގަވާއިދުގައި ބުނެފައިވާ ތާރީހުގައި ޖާބިރު މާލީ ބަޔާން ހުށަހަޅާފައި ނުވާތީ އިތުރު 14 ދުވަހުގެ މުއްދަތެއް މަޖިލީހުގެ އިދާރާއިން އެމަނިކުފާނަށް ވަނީ ދެއްވާފައެވެ.
ޑީއާރްޕީ އިން ކޮށްފައިވާ ޓްވީޓެއްގައި ރޭ ބުނީ މަޖިލީހުން އިތުރަށް ދިން މުއްދަތުގެ ތެރޭގައި ޖާބިރުގެ މާލީ ބަޔާން އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށެވެ. ބަޔާން ހުށަހެޅުއްވުން ލަސްވީ ކޮވިޑް19 އާއި ގުޅިގެން ލިބެންޖެހޭ ބައެއް މައުލޫމާތުތައް ލިބުމަށް ދަތިވެގެން ކަމަށް ޑީއާރްޕީ އިން ބުންޏެވެ.
ޖާބިރުގެ އިތުރުން މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ވެސް މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ. މެންބަރު ނަސީރަށް ވެސް ވަނީ 14 ދުވަހުގެ މުއްދަތެއް މަޖިލީހުގެ އިދާރާއިން ދެއްވާފައެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެއެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެމީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެއެވެ.