ޕްރޮކިއުމަންޓު ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު އެކުލަވާލާ އާއްމުކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ މި ގަވާއިދުގައި ބުނެފައި ވަނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑަށް މެންބަރުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އެ ބޯޑަށް މެންބަރުން އައްޔަން ކުރާނީ ތިން އަހަރަށް ކަމަށާއި ކޮންމެ ތިން އަހަރުން އެއް ފަހަރު ބޯޑު މެންބަރުންގެ ތިންބައިކުޅަ އެއްބައި މެންބަރުން ބަދަލުވާން ޖެހޭނެ ކަމަށެވެ.
ބޯޑު މެންބަރު ކަމަށް އައްޔަން ކުރައްވާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ދައުލަތުގެ ޕްރޮކިއުމަންޓުގެ މަސައްކަތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށާއި ޕަބްލިކް ޕްރޮކިއުމަންޓް ނުވަތަ އެފަދަ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މެންބަރުންނަށް ވާންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
އެ ބޯޑުގެ މަސްއޫލިއްޔަތަކީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" ރާވައި ހިންގައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރުމާއި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާގޮތެއްގައި ރާވައި ހިންގުމަށްޓަކައި ހަދަންޖެހޭ ހުރިހާ ޤާނޫނާއި ގަވާއިދުތައް އެކުލަވައިލުމެވެ.
މީގެއިތުރުން އެ ގަވާއިދުތަކަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި، ފައިސާއާ ބެހޭ ކަންކަން ބެލެހެއްޓުން އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރުގެ ލަފާގެ މަތިން ބަދަލުތައް ގެނައުމަކީ ވެސް އެ ބޯޑުގެ މަސްއޫލިއްޔަތެކެވެ.
އެ ބޯޑަށް އައްޔަން ކުރާ އެއްވެސް މެންބަރެއް މަޤާމުގެ ސަބަބުން ލިބިފައިވާ މަޢުލޫމާތު ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްގެން ނުވާނެއެވެ.