ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް މި މަހު ފަށާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް މި މަހުގެ 20ވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އިންޑިއާ ކެބިނެޓުން ވަނީ ރުހުން ވެސް ދީފައެވެ.
މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދާދިފަހުން ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
އެ އެއްބަސްވުމުގައި ވަނީ އިންޑިއާގެ ކޮޗިނުން ހދ. ކުޅުދުއްފުށި ނުވަތަ އެއްބަސްވެވޭ ރާއްޖޭގެ ބަނދަރަކަށް ފަސިންޖަރުންނާއި މުދާ ހިފައިގެން ދަތުރުކުރާ ފެރީގެ ނިޒާމެއް ގާއިމުކުރަން މަސައްކަތް ކުރުމަށެވެ.
"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ފެރީ ސަރވިސް ބިޓްވީން އިންޑިއަން އެންޑް މޯލްޑިވްސް ގަވަރމަންޓްސް" ނަމުގައި ހެދުނު މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.
އަދި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެއެވެ.