މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޒުވާން އަހުމަދު އަދީބަކީ އެންމެ ކޮރަޕްޓް މިނިސްޓަރު ކަމަށް ޖުމްހޫރީ ގުޅުމުން ބުނެފި އެވެ.
އެ ގުޅުމުން އިއްޔެ އިމާދު ސޯލިހާއި އުމަރު ނަސީރު ބޭއްވި ޕްރެސްއެއްގައި އިމާދު ވިދާޅުވީ ޕީޕީއެމްގެ ނައިބް ރައީސްގެ މަގާމުގައި ވެސް ހުންނެވި އަދީބަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މިނިސްޓަރު ކަމަށެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އަދީބު ހުންނެވި ނަމަވެސް، ހަގީގީ ޓޫރިޒަމް މިނިސްޓަރަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކަމަށެވެ. އިމާދު ސިފަ ކުރެއްވި ގޮތުގައި ޔާމީން ބޭނުންހާ ކޮރަޕްޝަންގެ އަމަލުތައް ހިންގަވަނީ އަދީބް ލައްވަ އެވެ. އަދި އަދީބަކީ ޔާމީންގެ ހިޔަނި ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވީ އަދީބަކީ މިހާރު ޕީޕީއެމްގެ އޭޓީއެމް މެޝިން ކަމަށެވެ. އެ ޕާޓީގެ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހޯދައި ދެނީ އަދީބް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދީބް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ގެންނަން ޕީޕީއެމްގެ ތެރޭގައި އޭރު ވާހަކަ ދެކެވުމުން ވެސް އެކަމަށް އިންކާރު ކުރެއްވި ކަމަށެވެ. ސަބަަބަކި އަދީބަކީ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ގެންނަ ވަރަށް ވުރެ ޅަ ކުއްޖެއް ކަމަށް އުމަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުގައި ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އަރުމީނިއާގެ ވިޔަފާރިވެރި ދެބެން ކަމަށްވާ އަރުތޫރު ބްރަދާޒް އިން ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދިނުމާއި އޮޅުވާލައިގެން ފުށިދިއްގަރު ފަޅު ބޭރުގެ ކުންފުންޏަކަށް 50 އަހަރަށް ކުއްޔަށްދީފައިވާ ކަމަށް ބުނާ އެއްބަސްވުމެއްގެ މައްސަލަ ހިމެނެ އެވެ.