މިހާރު ޗުއްޓީ އޮތް ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރު ފެށުމުން މަޖިލީހަށް ރިވައިޒް ބަޖެޓެއް ހުށަހަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ރިވައިޒް ބަޖެޓެއް ހުށަޅަން ނިންމާފައިވާއިރު ފިނޭންސް މިނިސްޓްރީން ބުނީ ރިވައިޒްޑް ބަޖެޓްގައި މިއަހަރަށް ލަފާކޮށް މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓްގައި ހުރި ބައެއްކަންކަން އެޑްޖަސްޓް ކޮށްފައިވާނޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މިއަހަރު ފާސްކުރި ބަޖެޓު ރިވައިޒް ކުރަން ހުށަހަޅަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ދަށްވެ ލަފާކުރި އަދަދަށް އާމްދަނީ ނުލިބޭތީއެވެ. ރިވައިޒް ބަޖެޓެއް މަޖިލީހަށް ހުށަހަޅާއިރު ރާއްޖޭގެ ދަރަނި 73.9 ބިލިއަނަށް މިހާރު ވަނީ އަރާފައެވެ.
ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެތެރޭގެ ދަރަނި 36 ބިލިއަން ރުފިޔާ އަށް އަރާއިރު ބޭރުގެ ދަރަނި 37.7 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އަދި ގެރެންޓީދީފައިވާ ދަރަނީގެ އަދަދު 16.6 ބިލިއަނަށް އަރަ އެވެ.
ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓެވެ.
ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް ހީނަރުކަން އައިސްފައިވާއިރު ސަރުކާރުން އަންނަނީ ދައުލަތް ހިގުމަށްޓަކައި ބޭރުގެ އެކި މާލީ އިދާރާތަކުން ހިލޭ އެހީ އާއި ލޯނުތައް ނަގަމުންނެވެ. އެގޮތުން ސަރުކާރުން މި އަހަރު 12 ފަރާތެއްގެ އަތުން ވަނީ ލޯނު ނަގާފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖޭގެ ދަރަނި އިންތިހާއަށް މަތިވަމުންދާއިރު ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.