ހިތަދޫގައި ހަދަމުން އަންނަ ގައުމީ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އިންޑިއާއިން ލޭބަރުން ގޮވައިގެން ޗާޓަރު ފްލައިޓެއް މިއަދު ހަވީރު ގަމަށް އައުމަށް ހަމަޖެހިފައިވާކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)އިން ބުނެފިއެވެ.
އޭއައިއޭއިން ބުނީ މިއަދު ހަވީރު އިންޑިއާގެ ބެންގަލޫރުން ގަމަށް އިންޑިއާގެ ސްޕައިސް ޖެޓުގެ ޗާޓަރ ފްލައިޓެއް ޖެއްސުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބޯޓުން 165 ލޭބަރުން އައުމަށް ހަމަޖެހިފައިވާ ކަމުގެ މަައުލޫމާތު ލިބިފައިވާކަމަށެވެ.
އިންޑިއަން އެމްބަސީގެ އިސް އޮފިޝަލަކު ވިދާޅުވީ ޕޮލިސް އެކަޑަމީގެ މަސައްކަތް އަވަަހަށް ނިންމަށް އެގައުމުން މިއަދު 165 ލޭބަރުން އައުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ ކަރަންޓު މަސައްކަތާއި، ޕްލަމްބިން އަދި ތަޅުން އެޅުމާއި ނިންމުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އަންނަ ހާއްސަ ތަމްރީނު ލިބިފައިވާ މީހުން ކަމަށް އެމްބަސީން ބުންޏެވެ.
އެމްބަސީން ބުނީ މިއަދު އަންނަ ހުރިހާ އެންމެންވެސް ރާއްޖޭގެ ހެލްތު ޕޮރޮޓެކްޝަން އެޖެންސީ އުސޫލާއި އެއްގޮތަށް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރާނެކަމަށެވެ. މިމީހުން ކަަރަންޓީނު ކުުރުމަށް ހަމަޖެހިފައިވަނީ ގަމުގައި ހުންނަ ދޫގަސްގައެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރަމުން އަންނަ "ނެޝަނަލް ކޮލެޖް ފޯ ޕޮލިސް އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް"ގެ މަސައްކަތް މިއަންނަ ޑިސެމްބަރު މަހު ނިންމައި ދިވެހި ސަރުކާރާއި ހަވާލު ކުރުމަށް އިންޑިއާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ހޯމް މިނިސްޓަރު ކަމުގައި 2012 ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އިމާރާތް ކުރާ މި އެކަޑަމީ އަކީ އިންޑިއާއިން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ހިލޭ އެހީގެ މަޝްރޫއުއެވެ. މި މަޝްރޫއަށް 508 މިލިއަން ދިވެހި ރުފިޔާ ހަރަދު ކުރެއެވެ.