ގެސްޓްހައުސް މެއިންޓަނެންސަށް ހާއްސަކޮށްގެން ސްޓިމިއުލަސް ޕެކޭޖެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ގެސްޓްހައުސް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ޒޫމް މެދުވެރިކޮށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީން ގެސްޓްހައުސްތަކަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްތަކުގެ މެއިންޓޭނަންސަށް ހާއްސަކޮށްގެން ސްޓިމިއުލަސް ޕެކޭޖެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ފެން ބިލާއި ކަރަންޓު ބިލު ފަދަ ބިލުތައް ދެއްކުމަށް ގެސްޓު ހައުސްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރި ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ އަންނަ މަހުގެ 15 ގައި ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަންނަ މަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދޭއިރު އެ ރަށެއްގެ ކައުންސިލްގެ ބަހަކާއި، އެޗްޕީއޭ އަދި އެޗްއީއޯސީގެ ގައިޑްލައިނަށް ފެތިފައި ހުރިތޯ ބަލާނެއެވެ.
އެޗްޕީއޭ އިން ނެރުނު "ސޭފް ޓުއަރިޒަމް ގައިޑްލައިން" ގައިވާ ގޮތުން ގެސްޓްހައުސްތައް ހުޅުވަން މީގެކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އަދިވެސް ފެތުރުން ކޮންޓްރޯލް ނުކުރެވޭތީ ސަރުކާރުން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ ތެރޭގައި ގެސްޓްހައުސްތައް ހުޅުވުމަށެވެ.