ފެނަކަ ކޯޕަރޭޝަނުން އައިއެސްއޯ ސްޓެންޑަޑުގެ ކޮލިޓީ މެނޭޖްމަންޓާއި، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ސެޓްފިކެޓް ހާސިލްކޮށްފިއެވެ.
ISO 9001:2015 ކޮލިޓީ މެނޭޖްމަންޓު ނުވަތަ ކުންފުނިން ފޯރުކޮށްދޭ ހިދުމަތަކީ ރަނގަޅު ފެންވަރެއްގެ ހިދުމަތަކަށް ވުމުން ލިބުނު ބައިނަލްއަގްވާމީ ސެޓްފިކެޓެވެ. އަދި 45001:2018 ISO އަކީ ފެނަކައިގެ މަސައްކަތުގެ މާހައުލަކީ އެކަށީގެންވާ މިންވަރަށް ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ މާހައުލަކަށް ވާތީ ލިބުނު ސެޓްފިކެޓެވެ.
ފެނަކަ ކޯޕަރޭޝަން އިން ބުނީ އައިއެސްއޯ އަށް ސާރޓިފައި ވުމަށް ކުރެވުނު މަސައްކަތުން މިހާރު އެ ކުންފުނީގެ ލަނޑުދަނޑިއާއި، ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތް ކުރަން ޖެހޭ ގޮތުގެ އުޞޫލުތަކާއި، ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ވަޒަންކުރާނެ މިންގަނޑުތަކާއި، މަސައްކަތްތަކާއި ގުޅުންހުރި މުހިއްމު މައުލޫމާތު އެއްކުރެވޭ ފޯމެޓްތަކާއި، ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކާއި، މަސައްކަތްތައް ބަލައި ޗެކު ކުރާނެ އިންތިޒާމް ހަމަޖެހި ޢަމަލު ކުރެވެމުންދާނެ ކަމަށެވެ.
އައު މިންގަނޑުގެ ދަށުން ކޮންމެ ޑިޕާޓްމަންޓަކަށްވެސް ހާސިލްކުރަންޖެހޭ ސްމާރޓް ލަނޑުދަނޑިތަކެއް ކަނޑައެޅިފައި ހުރުމާއިއެކު އެ ލަނޑުދަނޑިތައް ކުންފުނީގެ ތަސައްވުރާއި، ވަކި ވަކި މުވައްޒަފުންގެ ކީ ޕާރފޯމަންސް އިންޑިކޭޓާރސް އާއި ގުޅުވިފައި ހުންނާނެ ކަމަށް ފެނަކައިން ބުންޏެވެ.
"ފާއިތުވެ ދިޔަ މާޒީގައި ޢާއްމު ރައްޔިތުންގެ މެދުގައި ފެނަކަ އާއިމެދު ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދާ، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެފުށްފެންނާނެހެން ނަޒާޙަތްތެރިކަމާއިއެކު ކުރެވުނު މަސައްކަތުން ޚިދުމަތް ދިނުމަށް އެކަށޭނަ ވަޞީލަތް ޤާއިމްކުރައްވާ، ރާއްޖޭގެ މި ހައްސާސީ ވަގުތުވެސް ކުންފުނީގެ ހިންގުން ސާބިތުކަމާއެކު މަޑުޖައްސާލުމަކާއި ނުލާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދާއި ކުންފުނީގެ ހީވާގި މުވައްޒަފުން އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަމާނަތްތެރިކަމާއިއެކު ކޮށްދެއްވި އަގުހުރި އެހާމެ ބުރަ މަސައްކަތުގެ ނަތީޖާއަކީ ކުންފުނީގެ ހިންގުން އިހުނަށްވުރެ ވަރުގަދަވެ ހަރުދަނާ ކަމާއިއެކު ހިންގަމުން ދިއުމެވެ." ފެނަކައިން ބުންޏެވެ.
ކުންފުނީގެ ހިންގުމަށް އައި ފުރިހަމަ ބަދަލާއިއެކު ލިބުނު އެންމެ ބޮޑު ހިންހަމަޖެހުމަކީ 2018 ވަނަ އަހަރާއި ހަމައަށް ކުންފުނި ހިންގަމުންދިޔައީ ދަރަނީގެ ތައްގަނޑު ޖަހައިގެން ކަމަށް ވީނަމަވެސް ފާއިތުވެ ދިޔަ 2019 ވަނަ އަހަރު ނިންމާލީ ކުންފުނީގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ފެނަކަ ކޯޕަރޭޝަން އަރަނި ކުންފުންޏެއްގެ ގޮތުގައި ނަފާ ތައްގަނޑު ޖަހައިގެން ކަމަށް ފެނަކައިން ބުންޏެވެ.
މިއީ ކުންފުނީގެ ހިންގުމަށް އައި ހެޔޮބަދަލެއްކަން ފާހަގަކޮށް ފެނަކައިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަކީ ނަޒާޙަތްތެރި ކަމާއިއެކު ޙަލާލު މަސައްކަތުން ތާހިރު ދިރިއުޅުމަކަށް ވާޞިލްވުމަށް ކަމަރު ބަނދެގެން ތިއްބެވި ކުންފުންޏާއިމެދު ފަޚުރުވެރިވާ މުވައްޒަފުން ކަމަށެވެ.