Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

މާލީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އިންޑިއާ އިން: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ކޮވިޑް19 ގެ މި ހާލަތުގައި ރާއްޖެ އަށް މާލީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ގައުމަކީ އަވަށްޓެރި އިންޑިއާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އިންޑިޔާ ސަރުކާރުން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ދިން 250 މިލިއަން ޑޮަލަރުގެ މާލީ އެހީ ދިވެހި ސަރުކާރާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 2018 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރު ކްރެޑިޓް ފެސިލިޓީއެއް ދީފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުތައް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާ ކަމަށެވެ. އޭގެތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި 2018ވަނަ އަހަރު ދީފައިވާ 1.4 ބިލިއަން ޑޮލަރު ކްރެޑިޓް ފެސިލިޓީއެއްވެސް ވަނީ ދީފައި، އަދި ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކަށްވެސް އިންޑިއާއިން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުން" އަމީރު ވިދާޅުވިއެވެ.

އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމިކަން ހާމަކުރެއްވީ މިދިޔަ މަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާ އެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް އެ ލޯނު ދިނުމަށް ނިންމާފައިވަނީ 10 އަހަރު ދުވަހުގެ ތެރޭ ދައްކާ ހަލާސްކުރާ ގޮތަށެވެ. އަދި އެ ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ނަގަނީ 3.5 ޕަސަންޓެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާ އިން އަންނަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

އެގޮތުން މާލެ-ތިލަފުށި ބްރިޖު އަޅަން 500 މިލިއަން ޑޮލަރު ދިނުމާއި، ބަޖެޓް ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ ކޯޓާ އާކޮށްދިނުމުގެ އިތުރުން އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރެއިން 7 މަޝްރޫއެއް ހިންގުމަށް ވަނީ ނިންމާފައެވެ.

އަދި ކޮވިޑްގެ ހާލަތުގައި ވެސް އިންޑިއާ ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދިނުމާއި، ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް އިންޑިއާ އިން މެޑިކަލް ޓީމެއް ވެސް ރާއްޖެ އަށް ފޮނުވާފައިވެއެވެ.