ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއިލް އާސިފްގެ މައްޗަށް އުފުލާފައިވާ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އަށް އިންކާރުކޮށްފިއެވެ.
ހައްމާދަށް އާސިފް ހަމަލާދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ އަށް ހަމަލާދީފައިވަނީ ދީނީ ހިޔާލުތަފާތުވެ ވެވުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
އޭނާ އަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި އާސިފް ހައްޔަރު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އާސިފް ވަނީ ހައްމާދަށް ހަމަލާ ދިނުމުގެ ކުރިން ހިނގާދިޔަ ޒުވާބުވެސް ކިޔައިދީފައެވެ. މަޑުއްވަރީއަށް ނިސްބަތްވާ އާސިފްއަކީ އުމުރުން 30 އަހަރުގެ މީހެކެވެ.
މި މައްސަލާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އާސިފް ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ ހައްމާދު އަށް ހަމަލާ ދިނީ އޭނާ ކަމެއް ސާބިތު ކޮށްދެވޭނެ ވަރަށް ހެކި ހުށަހެޅިފައި ނުވާ ކަމަށެވެ. އެ މައްސަލާގައި ދައުލަތުން ވަނީ 9 ސިއްރު ހެއްކެއް ހުށަހަޅާފައެވެ. އެއީ ހައްމާދަށް ހަމަލާދިން ކަމަށް ސާބިތު ކުރުމަށް ހުށަހަޅާ ސިއްރު ހެކިވެރިއަކާއި ޒަހަމްތަކަކާއެކު އއ. މާޅޮހަށް ހައްމާދު އެރުމުން އެރަށުން ހައްމާދު ފެނުނު ބަޔަކާއި އާސިފް އަދި އެހެން މީހަކުވެގެން ހައްމާދު ހޯދަން މާޅޮހަށް އެރިކަން ސާބިތު ކޮށްދިނުމަށް ހުށަހަޅާފައިވާ ސިއްރު ހެއްކެކެވެ.
ހައްމާދު މޫދަށް ވެއްޓުނީ ކައްސާލައިގެން ކަމަށާއި މާޅޮހަށް އަރާފައި ވަނީ ވެސް ހައްމާދު ހުރީ ހަމަ ބުއްދީގައި ނޫންކަން އެނގި އޭނާ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފައިނެތީ ކަމަށް އާސިފް ބުންޏެވެ. އަދި ހަމަ އެހެން ފުލުހުންނަށް ބަޔާންވެސް ދީފައިވާނެ ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި ހައްމާދަށް ހަމަލާދިން ނަމަ އޭނާ މާޅޮހަށް އަރަންވީ ސަބަބެއް ނެތް ކަމަށެވެ.