އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ބައެއް ހިސާބުތަކުން މިރޭ ކަރަންޓް ކެނޑުނީ މަރުކަޒީ އިންޖީނު ގޭގެ އިންޖީނަކުން ތެޔޮ ހުސްވެގެން ކަމަށް އެނގިއްޖެ އެވެ.
މިރޭ ކަރަންޓް ކެނޑުނީ 9:00 ޖަހަން އުޅެނިކޮށެވެ. ކަރަންޓް އަލުން ލިބުނީ 9:30 އަށް ވުރެ ބޮޑުވި ފަހުންނެވެ.
ޓީވީއެމުން ގެނެސް ދިން ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ފެށެން ކުޑަތަންވެފައި ވަނިކޮށް ކަރަންޓް ކެނޑުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
އިންޖީނެއްގެ ތެޔޮ ހުސްވެގެން ކަރަންޓް ކެނޑުމާ ގުޅިގެން، އަލުން ކަރަންޓް ލިބުނީ ގަމުގައި ހުންނަ އެސްޓީއޯގެ ތެޔޮ ޝެޑުން ފެނަކައިން ގޮސް ތެޔޮ ނަގައިގެން ކަމަށް ވެސް އެނގިފައިވެ އެވެ.
އެތަނަކީ މީގެ ކުރިން ރޭގަނޑު ހުޅުވާ ތަނެއް ވެސް ނޫނެވެ.
އެހެން ނަަމަވެސް އިންޖީނަކުން ޑީސަލް ހުސްވެގެން ކުއްލި ގޮތަކަށް ތެޔޮ ބޭނުންވުމުން އެސްޓީއޯގައި އެދިގެން ޑީސަލް ލިބޭ ގޮތް ހަމަޖައްސައި ދިނީ އެވެ.
މިކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެ ކުންފުނިން އައްޑޫގެ ކަރަންޓްގެ ހިދުމަތާ ހަވާލުވި ފަހުން ކަރަންޓް ކެނޑޭ މައްސަލަ ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.