ކޮވިޑާއި ގުޅިގެން ސަރުކާރުން ތައާރަފުކުރި އިގްތިސޯދީ ރިކަވަރީ ޕެކޭޖުން އެއް ބިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ 17ވަނަ ދުވަހާއި ހަމައަށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިގްތިސޯދީ ރިކަވަރީ ޕެކޭޖުން އެއް ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އިންކަމް ސަޕޯޓް ސްކީމުގެ 89.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ރިކަވަރީ ލޯން ސްކީމުގެ ގޮތުގައި ވަނީ 900 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ މާޗު މަހުގެ 19ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރުމަށް ސަތުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
އަމީރު ވިދާޅުވީ ސަރުކާރުން ތައާރަފު ކުރުމަށް ނިންމާފައިވާ އެ އެހީގެ ޕެކޭޖަކީ މިވަގުތު ކޮވިޑް19 ގެ ސަބަބުން ލޮޅުން އަރާފައިވާ ވިޔަފާރިތައް އަރައި ގަތުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަމީރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ހުރިހާ ދާއިރާތަކަށް އިގްތިސޯދީ ލޮޅުންތައް އަރަމުން އަންނަ ކަމަށާއި ވިޔަފާރިތަކުގެ ކޭޝްފްލޯ އަށްވެސް އަސަރު ކުރަމުންދާ ކަމަށެވެ.
އަމީރު ވިދާޅުވީ ސަރުކާރުން ތައާރަފު ކުރުމަށް ނިންމާފައިވާ އެ އެހީގެ ޕެކޭޖަކީ ހަމަސް ދުވަހު ގްރޭސް ޕީރިއަޑެއް ދީފައިވާ ޕެކޭޖެއް ކަމަށާއި އަދި އެ ޕެކޭޖުގައި ހަ ޕަސެންޓުގެ އިންޓްރެސްޓެއް ކަނޑައަޅާފައިވާނެ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ މި ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށެވެ.