އެމްއެމްއޭގެ ކުރީގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އާތިފް ވިދާޅުވެއްޖެއެވެ.
އާތިފް ޝަކޫރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ، މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުވުމުގެ ކުށުގައި ކަމަށް ދައުވާ އިއްވަމުން ޕީޖީ އޮފީހުން ބުންޏެވެ.
މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ވަކީލަކު ހަމަޖަންސަން ބޭނުންވޭތޯ އާތިފް އަރިހުން ސުވާލުކުރައްވާފައެވެ. އާތިފް ވަނީ މައްސަލައިގައި އޭނާ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކުގައި މަޝްވަރާތަކެއް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ މައްސަލައިގެ އެއްބަސްވުމަކަށް އާދެވޭތޯ ކަމަށް ވިދާޅުވެ އާތިފް ވަނީ އެ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކީގައި ފެށިފައި އޮތް ވާހަކަދެއްކުންތައް ނިންމައިލުމަށް ވަގުތު ދެއްވައިފި ނަމަ ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ގާޒީ ޝަކީލު ވަނީ ވަކީލަކު ހަމަޖައްސަވަން ބޭނުންފުޅުވޭތޯ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ. އެފަދައިން ގާޒީ ތަކުރާރު ކުރެއްވުމުން އާތިފް ވަނީ ވަކީލަކު ހަމަޖައްސަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލާގައި އާތިފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ މެދު ވަކި ގޮތެއް ކޯޓަށް ނާންގާ ހިނދެއްގައި ދައުވާ ކުރިޔަށް ގެންދަން ޖެހޭނެކަން ގާޒީ ޝަކީލު ވިދާޅުވިއެވެ. އެހެންކަމުން ވަކީލަކު ހަމަޖެއްސުމަށް އާތިފަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ގާޒީ ނިންމެވިއެވެ.
އާތިފްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ އާތިފްގެ އެންގުމަކަށް ކަމަށެވެ.
އެފްއައިޔޫން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓުގައި ވާގޮތުން، ތުހުމަތު ކުރެވޭ ކުންފުންޏަށް 31 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށް، ޖުމްލަ 8 ޓްރާންސެކްޝަނެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން 47 މިލިއަން ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގާފައިވެއެވެ. އަދި މިފަދަ ވިޔަފާރީގެ މުއާމަލާތްތައް ހިންގޭވަރުގެ ގާބިއްލިއްޔަތު ނެތްކަން އެ ކުންފުނީގެ ޓެކްސް ފައިލިން އަދި އެނުއަލް ރިޕޯޓްތަކުން އެނގޭކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުގެ ތަހުގީގަށް އާތިފް އިއުތިރާފުވެވަޑައިގެންފައި ވަނީ އެ ރިޕޯޓު އެނަލައިޒް ކުރަމުން ދިޔައިރުވެސް، އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ރިޕޯޓު ތަހުގީގު އިދާރާއަކަށް ނުފޮނުވަން ނިންމަވައި ފައިލް ކުރެއްވި އިރުވެސް، އެގޮތަށް ނިންމެވީ އެއީ ތަހުގީގު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގިވަޑައިގެން ހުންނަވާ ކަމަށް އާތިފު އޭސީސީގެ ތަހުގީގުގައި ވިދާޅުވެފައި ވާކަމަށް އޭސީސީ ބުނެއެވެ.