Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

ރޭޕް އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށަކަށް ހަދައިފި

ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: އަވަސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވާ މައިގަނޑު މަޤްޞަދަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޛުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށާއި، އެ ޤާނޫނުގައި އިތުރަށް ކަނޑައަޅަންޖެހޭ އިޖުރާޢަތްތައް ކަނޑައެޅުއްވުމެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ވަނީ މުހިންމު އިޞްލާޙުތަކެއް ގެނެސް ޤާނޫނުގެ ބައެއް މާއްދާތަކަށް އަކުރުތައް އިތުރުކޮށްފައެވެ. މި އިޞްލާޙުތަކުގެ ތެރޭގައި "ޖިނާޢީ ބޮޑު ކުށެއް" ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރެއަށް ރޭޕްކުރުމުގެ ކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް؛ އަދި ޓެކްސް ނެގުމާއިބެހޭ އިދާރީ ޤާނޫނުގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން 500,000 (ފަސް ލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށްތައް ވަނީ އިތުރުކޮށްފައެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއިއެކު، އެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.