ބިޑަށް ނުލައި ދައުލަތުގެ މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ މާއްދާ ބާތިލް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފިނޭންސް މިނިސްޓްރީގައި އެދިއްޖެއެވެ.
މިފަހަކަށް އައިސް ގިނަ މަޝްރޫއުތަކެއް ބިޑަށް ނުލާ ދިން ކަމުގެ މައްސަލަަތައް ވަނީ ފެންމަތިވެފައެވެ. ބިޑަށް ނުލާ މަޝްރޫއުތައް ދެވިދާނެ ކަމަށް ބުނެ މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ 2017ވަނަ އަހަރުއެވެ.
ނަމަވެސް އެ އިސްލާހުގައިވާ ގޮތުން އެފަދަ ގޮތަކަށް ބިޑަށް ނުލާ މަޝްރޫއުތައް ހަވާލު ކުރެވޭނީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތަކަށެވެ.
މާލިއްޔަތު ގަވާއިދުގައިވާ އެ މާއްދާ ބާތިލް ކުރުމަށް އޭސީީސީ އިން ފިނޭންސްގައި އެދިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި ސަރުކާރުން ބިޑު ނުކޮށް ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުއާ އަދި ކޮވިޑާ ގުޅިގެން ކަރަންޓީން ފެސިލިޓީތައް ހެދުން ފަދަ މަސައްކަތްތައް ހިމެނެއެވެ. ދާދިފަހުންވެސް ވަނީ 9 މިލިއަން ރުފިޔާ އަށް ގުޅީފަޅުގައި އިމާރާތް ކުރި ކަރަންޓީން ފެސިލިޓީއެއްގެ މައްސަލަވެސް ފެންމަތިވެފައެވެ. އެ މަސައްކަތް ހެދުމަށް ހަވާލުކުރީ އިންޑިއާގެ މޯހަން މުތާ ކުންފުންޏަށެވެ. އެއީ 15 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
އެކަމާއި ގުޅިގެންވެސް ބައެއް މީޑިއާތަކަށް ފިނޭންސް އިން ވަނީ އެއީ ވެސް ސިންގަލް ސޯސް ޕްރޮކިއުމަންޓު އުސޫލުން ހަވާލުކޮށްފައިވާ މަޝްރޫއުއެއް ކަމަށް ބުނެފައެވެ.