ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހު ފާސްވުމުން އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ނުވެއްދޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވޭ އެންމެ މުހިންމު އިސްލާހުތަކުގެ ތެރޭގައި އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދުން ހުއްޓުވުމުގެ އިތުރުން ދައުލަތުން ޕާޓިތަކަށް ދޭ ފައިސާގެ އެހީއަށް ޕާޓީތަކުން ޒިންމާދާރުވުން ހަރުދަނާވާނެ ކަމަށެވެ. އަދި ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ކަނޑައަޅާފައި އޮތް ގޮތް ވެސް ބަދަލުކުރަން ހުށަހަޅާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މިހާރު ގާނޫނު އޮތް ގޮތުން ދައުލަތުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާއި ދެމެދުގެ އަދަދެއް ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާ އިސްލާހުގައި ދައުލަތުގެ ބަޖެޓުން ދޫކުރަން ހުށަހަޅާފައި ވަނީ 0.1 ޕަސެންޓެވެ.
މީގެއިތުރުން ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރުމުގެ އިތުރުން ގާނޫނާ ގަވާއިދުތަކާ ހިލާފުވުމުން ސަސްޕެންޑު ކުރެވޭނެ ގޮތަށްވެސް ގާނޫނަށް އިސްލާހު ގެންނަން އިލެކްޝަނުން ވަނީ ހުށަހަޅާފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަނުން ގެންނަން ނިންމާފައިވާ އިސްލާހުތަކަށް ހިޔާލު ހޯދުމަށްޓަކައި މަޝްވަރާ ކަރުދާހެއް ސިޔާސީ ޕާޓީތަކަށް މިހާރު ވަނީ ފޮނުވާފައެވެ.