Last Updated: November 27, 06:09
Wednesday, November 27, 2024
ޚަބަރު

ވެލިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅާނެ ބަޔަކު ހޯދަނީ

ނ. ވެލިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ނ.ވެލިދޫ ސިއްޚީ މަރުކަޒަށް އިތުރުކުރާ ދެބުރީގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 25ވަނަ ދުވަހަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ(https://bandeyripay.finance.gov.mv) މެދުވެރިކޮށް ކަމަށް ފިނޭންސް އިން ބުންޏެވެ.

އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެ ކަމަށްވެސް ފިނޭންސް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

އެ މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި މަހުގެ 27ވަނަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި އަދި އެ ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 1,300,000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.