Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

ކުޅުދުއްފުށިން ކޮވިޑު ކޭސްއެެއް، ރަށައް އަރައި ފޭބުން މަނާ!

ކުޅުދުއްފުށީ ބަނދަރުމަތި، އެރަށުން ކޮވިޑު ކޭސްއެއް ފެނުމާއި ގުޅިގެން ރަށްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި، ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހދ. ކުޅުދުއްފުށިން ކޮވިޑު-19އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށައްް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ކުޅުދުއްފުށިން މިއަދު ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވަނީ އެރަށާއި މާލެ އާއި ދެމެދު ދުއްވާ ފާޅު ބޯޓުގެ ކެޕްޓަނެވެ. އެބޯޓު މާލެއިން ކުޅުދުއްފުއްޓަށް ގޮސްފައިވަނީ މިއަދު ހެނދުނުއެވެ.

ފާޅު ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ވަނީ މިރޭ 8:45 އިން ފެށިގެން މޮނިޓަރިންގެ ހާލަތުގައެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައިކަން އަންގައި ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަން ދެން ރަށުން ފޭބުމާއި ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުށީގެ އިތުރުން އެއަތޮޅު ނޮޅިވަރަންވެސް ވަނީ މޮނިޓާރިންގެ ހާލަތަށް ގެނެސްފައެވެ.