އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރަން ފަށާފައިވާ ކާގޯ ބޯޓު ކުޅުދުއްފުށި ސިޓީގެ ބަނދަރުގައި އޮތުމަށްފަހު މާލެއަށް މިއަދު ބަނދަރުކޮށްފިއެވެ.
ކާގޯ ބޯޓު ރާއްޖެ އައިސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އިންޑިއާގެ ކޮޗިން އިން ފުރައިގެން އައި އެ ބޯޓު ހދ.ކުޅުދުއްފުއްޓަށް ބަނދަރު ކޮށްފައި ވަނީ 500 ޓަނަށް ވުރެ ގިނަ މުދަލާއިއެކުއެވެ.
މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށާއި އަދި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ދެ ގައުމުގެ ސަރުކާރުން ހާމަކުރެއެވެ.