ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ އެއްވެސް ފަރާތެއްގެ ޕްރެޝަރު އޮވެގެނެއް ނޫން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަ އިސްލާހުތަކާގުޅޭގޮތުން މަޝްވަރާކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއެކު ބޭއްވެވި ބައްދަލުވުން ފަށްޓަވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ޝަރީފް ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީޓަކުގެ އިސް ބޭފުޅުންނަށްވެސް އީސީ އިން ޔަގީންކަން އަރުވަން ބޭނުންވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެވެނީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނުވަތަ އެއްވެސް ފަރާތެއްގެ ސްޕޮންސާރޝިޕެއް ނުވަތަ އެއްވެސް ފަރާތަކުން ޝަރީފަށް އަންގަވައިގެން ނޫން ކަމަށެވެ.
މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގެ ކުރިން ވެސް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އީސީ އިން ކުރަމުން ދިޔަ ކަމަށް ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި އިސްލާހު ޑްރާފްޓު ކުރިއިރު އިސްލާހުގައި ހިމަނާފައިވަނީ އިލެކްޝަނުން ގާނޫނުގައި ހިމަނަން ބޭނުންވި އިސްލާހުތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކުން ހީފުޅުކުރައްވައިގެން ނުވާނެ އަޅުގަނޑުމެން މިކަން މިކުރަނީކީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށްޓަކާ ނުވަތަ ވަކި ބަޔަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދިނުމަށް ކުރާ މަސައްކަތެއް ކަމަށް" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ސަޕޯޓު ނުވަތަ އެޕާޓީއަކަށް އާއްމުންގެ ތަރުހީބު އޮންނަ މިންވަރު އެނގެނީ އެޕާޓީއެއްގައި ތިބޭ އާއްމު މެންބަރުންގެ އަދަދުން ނޫން ކަމަށާއި އެކަން އެކަމަށްވެސް އިސްލާހުތަކެއް ހުށަހަޅާފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.