އައްޑޫގައި ކާޅު އާލާވެ، ދޮންދީނިގެ ނަސްލު ނެތި ހިގައިދާނެ ކަމުގެ ބިރު ހީވުމާއި ގުޅިގެން އެކަން ހައްލުކޮށްދިނުމަށް އައްޑޫ މީދޫ ނަލަފެހި ޖަމިއްޔާއިން ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.
އައްޑޫ މީދޫގެ ތިމާވެށި ހިމާޔަތްކޮށް، މީދޫ، ނަލަފެހި ރަށެއްގެ ގޮތުގައި ބޭއްވުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ "ނަލަފެހި" ޖަމިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫގައި ކާޅު އާލާވެ، އައްޑޫގެ ފަހުރެއް ކަމަށްވާ ދޮންދީނިގެ ނަސްލު ނެތި ހިގައިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.
"އައްޑޫގެ ފަޚުރެއް ކަމުގައިވާ އަދި ރާއްޖޭގައި އެންމެ ފުރަތަމަ ހިމާޔަތް ކުރި އެއް ދޫނި ކަމުގައިވާ ދޮންދީނިގެ ނަސްލު ނެތި ހިގައިދާނެ ކަމުގެ ބިރު މިވަނީ އިޙްސާސްވާން ފަށާފައެވެ. ކާޅުގެބިރުވެރި ހަމަލާތަކުން މަރުވަމުންދާ މިދޫންޏަކީ އައްޑު އަށް ޚާއްސަ ދޫންޏެއްގެ ގޮތުގައި މަޝްހޫރު ދޫންޏެކެވެ. އަދި މިއީ އައްޑޫ ޒަމްޒު ކޮށްދޭ މުހިއްމު ވަސީލަތެކެވެ. ވުމާއެކު މި ދޫންޏަށް ދިމާވެފައިވާ ނުރައްކަލުން ސަލާމަށް ކުރުމަށްޓަކައި ކަމާބެހޭ ފަރާތަށް އިލްތިމާސް ކުރަން"
ނަލަފެހި ޖަމްޢިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
އައްޑޫން ގިނަ އަދަދަކަށް ކާޅު ފެންނާތީ ބައެއް އާއްމު ރައްޔިތުން ދަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ހުޅުދޫ ޒުވާނަކު ވަނީ ހުޅުދޫ އަދި މީދޫން ގިނަ އަދަދަކަށް ކާޅު ފެންނަމުންދާކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފައެވެ.
ދާދި ފަހުން އައްޑޫގައި އުޅޭ ކާޅެއް ދޮންދީނިއަކަށް ހަމަލާދީ މަރާލުމަށްފަހު އޭގެ މަސް ނޮޅައިގެން ކަމުން ދިޔަ ވީޑިއޯއެއްވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެނގިފައިވާ ގޮތުގައި ކާޅުތައް ދަނީ ދޮންދީނި ހާލިތަކަށް ހަމަލާދީ ކުދި ދޮންދީނި މަރަމުންނެވެ. އަދި ބޮޑެތި ދޮންދީނަށް ހަމަލާދީ އެދޫނިތައްވެސް މަރަމުން އަންނަކަމަށް ބައެއް ރައްޔިތުން ބުނެއެވެ.
އައްޑޫ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދަކުން ނުފެންނަ ދޮންދީނި އަކީ އެންވައިރަމެންޓު މިނިސްޓްރީން ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. އައްޑޫގެ ފަހުރެއް ކަމަށްވާ މި ދޫނީގެ ނަސްލަށް ކާޅުތައް ހަމަލާދެމުން އަންނަ ކަން އައްޑޫ ސިޓީ ކައުންސިލަށް އެނގިފައި ނުވާކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ވިދާޅުވެފައެވެ.