Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު

ޑިޒާސްޓާގެ އޮޑިޓާ ގުޅޭ ކަންކަން އޭސީސީ އިން ދިރާސާ ކުރަނީ

ކޮވިޑް19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ އިން ކޮށްފައިވާ ހަރަދުތަކާއި ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައިވާ ކަންކަމާއި ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ދިރާސާ ކުރަން ފަށައިފިއެވެ.

އޭސީސީގެ އޮފިޝަލަކު "އައްޑޫލައިވް" އަށް މިއަދު ވިދާޅުވީ ޑިޒާސްޓާގެ އޮޑިޓާ ގުޅޭ ކަންކަން އެ ކޮމިޝަނުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ޑިޒާސްޓާގެ އޮޑިޓުގައި އެއްބަސްވެފައިވާ ރޭޓަށް ވުރެ އިތުރަށް ކޮވިޑް-19 ގެ އެކަމަޑޭޝަންގެ ގޮތުގައި ރިސޯޓަކަށް ފައިސާ ދައްކާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލިމީހުންނާ އެކަހެރި ކުރާ މީހުން ބޭތިއްބުމަށް ކަރަންޓީން ފެސިލިޓީު/އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ދައުލަތަށް ބައެއް ރިސޯޓްތައް ގިނަވެގެން ތިން މަހުގެ މުއްދަތަށް، ނެގުމަށް ދައުލަތާއި އެ ރިސޯޓް ތަކާއި ދެމެދުު އެއްބަސްވުން ތައްޔާރުކޮށްފައިވާ ކަމަށެވެ.

މިގޮތުން އެއްބަސްވެފައި ވަނީ ބޭނުންކުރާ ކޮންމެ ކޮޓަރިއަކަށް ދުވާލަކަށް 750 ގެ ރޭޓުން އިތުރު އެއްވެސް ކަމަކަށް ދައުލަތުން ޚަރަދުކުރަން ނުޖެހޭ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން އެއް ރިސޯޓަކުން ޓީޖީއެސްޓީ އަށްވާ 12 ޕަސެންޓު ހިމެނޭ ގޮތަށް، ދުވާލަކަށް 840 ރުފިޔާގެ ރޭޓުން ބިލުކޮށްފައިވާއިރު އެ ރޭޓުން އެ ފަރާތްތަކަށް ފައިސާ ދައްކާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

"އެހެންކަމުން އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް، 206،280 ރުފިޔާ ޚަރަދުުކޮށްފައިވާކަން ފާހަގަކުރަމެވެ" އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓުގައި ބުނީ ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާރިޗުު 2020 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި ދެމެދު ވެފައިވާ "ހޭންޑް އޯވަރ"އެއްބަސްވުމުގެ ދަށުން ހުޅުމާލޭއިން ޖުމްލަ 42،170 އަކަ ފޫޓުގެ ބިމާއި ބިމުގައިވާ އިމާރާތްތައް އެން.ޑީ.އެމް.އޭއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކުން 4،315،153.75 ޑޮލަރަށް ރަހުނު ކޮށްފައިވާ ތަނެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ބިމުގައި މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް ނިމްމުމާ ގުޅިގެން، އެޗް.ޑީ.ސީ އާއި މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާއި ދެމެދުު 24 މާރޗުު 2020 ގައި ހޭންޑް އޯވަރ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން ހެދުނުު އެއްބަސްވުމުގައި، އެތަނުގައި ހަދާފައިހުރި ކޮންކްރީޓު ސްޓްރަކްޗަރއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށާއި، އިތުރު އެހެން އެއްވެސް ބަދަލެއް ތަނަށް ގެނެސްފައިވާނަމަ އެ ބަދަލުތައް އެނގޭނެހެން ލިޔެކިޔުން ބަލަހައްޓަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އޮޑިޓުގައިވާ ކަންކަން ޑިޒާސްޓާ އިން ވަނީ ދޮގު ކޮށްފައެވެ. އެގޮތުން ޑިޒާސްޓާ އިން ބުނީ ކޮވިޑާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޮރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރުދަތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ނޫން ކަމަށެވެ.

އެންޑީއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އެންއީއޯސީގެ އެކި ޑިޕާޓްމެންޓުތަކުން ކުރާ މަސައްކަތް ބަލައި އެކިއެކި އޮޕަރޭޝަންސްތަކާ ގުޅިގެން ހަރަދު ކުރެވެމުންދާ ގޮތް ބެލުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށްް ދައުވަތު ދެވުނު ކަމަށެވެ.

ނަމަވެސް އެ ދައުވަތު ގަބޫލުކޮށް އެކަމުގައި އޮޑިޓް އޮފީހުން ބައިވެރިވެފައި ނުވާ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެންޑީއެމްއޭ އިން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކޮންމެ ކާރިސާއެއްގައި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި މި އޮޑިޓް ރިޕޯޓުގެ ސަބަބުން ރައްޔިތުންނާ އެންޑީއެމްއޭއާ ދެމެދު އޮތް ގުޅުމަކަށް އަދި އިތުބާރަށް ބުރުލެއް ނާރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.