އިންޑިއާގެ ފިލްމް އުފައްދާ މަޝްހޫރު ފަރާތެއް ކަމަށްވާ އަނޫރާގް ކަޝްޔަޕް ޖިންސީ ގޯނާއެއްގެ މައްސަލައެއްގައި ފުލުހަށް ހާޒިރު ވުމަށް އަންގައިފިއެވެ.
މުމްބާއީ ފުލުހުން އަނޫރާގް ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހެނދުނު 11:00 އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަނޫރާގް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވަނީ އަންހެން ފިލްމީ ފަންނާނެއް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
މި މައްސަލައާއި ބެހޭގޮތުން އަނޫރާގްގެ ވަކީލްގެ ބަޔާނުގައި ވަނީ މިއީ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށް ބުނެފައެވެ. އަދި އަނޫރާގްއާއި ބެހޭގޮތުން މިފަދަ ހަގީގަތެއްނެތް މައްސަލައެއް ހުށަހެޅުމުން އޭނާ އިންތިހާއަށް ދެރަވެފައިވާ ކަމަށް ވެސް ވަކީލް ބުނެފައިވެއެވެ. އެ ބަޔާނުގައި އަނޫރާގްގެ ވަކީލް ޕްރިޔަންކާ ޚިމާނީ ބުނެފައިވަނީ އަނޫރާގްގެ ބޮލުގައި އަޅުވާފައިވަނީ ދޮގު ތުހުމަތު ތަކެއް ކަމަށެވެ.
ފާއިތުވި ހަފްތާގައި އަނޫރާގްއާއެި ދެކޮޅަށް މައްސަލަ ފައިލް ކުރި އެކްޓަރު ވަނީ މި ދިޔަ ބުރާސްފަތި ދުވަހު މަހާރާޝްތްރާގެ ގަވަރުނަރު ބީއެސް ކޯޝްޔާރީއާއި ބައްދަލުކޮށް އަނޫރާގްއާއި ދެކޮޅަށް މައްސަލަ އަވަސް ކޮށްދިނުމަށް އެދިފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ އެ ބައްދަލުވުމަށް ގޮސްފައިވަނީ ރާޖްޔާ ސަބާގެ މެމްބަރެއް ކަމަށްވާ ރާމްދާސް އާއިއެކު ކަމަށް ވެއެވެ. އަދި މި ދެމީހުން މުމްބާއީ ޖޮއިންޓް ކަމިޝަނަރ އޮފް ޕޮލިސް ވިޝްވާސް ނަންގާރޭ ޕާޓިލްއާއި ހަފްތާގެ ކުރީކޮޅު ބައްދަލުކޮށް އެކްޓަރުގެ ސެކިއުރިޓީ ކަންތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ.
މީގެ ކުރިން މި އަންހެން އެކްޓަރު ވަނީ އަނޫރާގް އާއި ސުވާލު ނުކޮށްގެން އެކަމާއި ޝަކުވާ ކޮށްފައެވެ. އަދި އެކަން ލަސްކުރާ ކަމަށްވާނަމަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި އަންހެން އެކްޓަރު ޕޮލިހަށް ދިން މައުލޫމާތުގައި ބުނެފައިވަނީ އަނޫރާގް ވަނީ ވާސޯވާގެ ޔާރީ ރޯޑްގައި 2013 ވަނަ އަހަރު އޭނާއަށް ޖިންސީގޯނާ ކޮށްފައެވެ.