ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގުތިސާދު 51 ޕަސަންޓު ދަށަށް ހިނގައްޖެއެވެ.
އިގްތިސޯދު މިހާ ބޮޑަށް ދަށަށް ގޮސްފައި ވަނީ ކޮވިޑާއި ގުޅިގެން އެކަމުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކުން އެޅި ފިޔަވަޅުތަކާއި ގުޅިގެންނެވެ.
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު މި އަހަރުގެ ދެވަނަ ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަން ވަނީ 51 ޕަސަންޓު ދަށްވެފައެވެ.
ދެވަނަ ކުއާޓާގައި ޖީޑީޕީ ވަނީ 54 ޕަސަންޓު ދަށްވެފައެވެ. ޖީޑީޕީ އެހާ ބޮޑުތަނުން ދަށަށް ދިޔައީ ފަތުރުވެރިކަމުގެ ދާއިރާ އަށް ދަށަށް ދިއުމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާ ވަނީ 25.5 ޕަސަންޓު ފަހަތަށް ގޮސްފައެވެ.
ރާއްޖޭގެ އިގްތިސޯދު 51 ޕަސެންޓު ދަށަށް ގޮސްފައިވާއިރު ޖަޕާނުން ރާއްޖެއަށް ދޭ 47.5 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށްވާއިރު މި ބަލިމަޑުކަމާއެކު ޓޫރިޒަމް ދާއިރާ އަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސަރުކާރަށް ލިބޭ އާމްދަނީ 51 ޕަސެންޓަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިގްތިސޯދު ހިފަހައްޓައި ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓު 17 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށާއި ހަރަދު ކުރުމަށް އެޅި މި ފަޔަވަޅާއެކު މިހާލަތުގައި އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށެވެ.