އިންޑިއާ ސަރުކާރުން އައްޑޫގައި އަޅާ ޕޮލިސް އެކަޑަމީގެ މަސައްކަތަށް ކޮޗިން އިން އައި 53 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.
އޭއީއެޗްގެ މެނޭޖަރ ޝަރަފުއް ސާދާތު (ސާތު) ވިދާޅުވީ އެކަޑަމީގެ މަސައްކަތަށް އިންޑިއާއިން އައި 128 މީހުންގެ ތެރެއިން 53 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ހުރިހާ އެންމެންވެސް ތިބީ ގަމުގައި ހުންނަ ދޫގަސް ގައި ކަރަންޓީނު ވެގެންނެވެ.
ސާތު ވިދާޅުވީ 53 މީހުން ޕޮޒިޓިވް ވުމާއި ގުޅިގެން ހުރިހާ އެންމެން އިތުރު 14 ދުވަހަށް ކަރަންޓީނުކޮށްފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައި ނުވާކަމަށްވެސް ސާތު ވިދާޅުވިއެވެ.
ކޮވިޑު-19 އަށް މިހާތަނަށް އައްޑޫން 67 މީހަކު ޕޮޒިޓިވްވެފައިވާ އިރު މިއަދު ޕޮޒިޓިވްވި 53 މީހުން ފިޔަވައި އައްޑޫން ޕޮޒިޓިވްވީ އެންމެން ވަނީ ބަލިން ވަނީ ރަނގަޅުވެފައެވެ. އެއީ ޖުމްލަ 14 މީހަކެވެ.
ކޮވިޑު 19 އާއި ގުޅިގެން މިހާތަނަށް އައްޑޫން ވަނީ ރެންޑަމް ސާމްޕަލްތަކެއް ނަގާފައެވެ. އެގޮތުން 200 އަށް ވުރެ ގިނަ ސާމްޕަލް ނަގާފައިވާ އިރު އެހުރިހާ ސާމްޕަލްތަކެއް ވަނީ ނެގެޓިވްވެފައެވެ.