Last Updated: April 19, 16:08
Saturday, April 19, 2025
ޚަބަރު

ހިޔާނާތުގެ ފައިސާ އިން ލިބުނު އެއްވެސް މަންފާއެއް ނޯންނާނެ: އަދާލަތު

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަދާލަތު

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ އިން އަދާލަތު ޕާޓީ އަށް ލިބުނު އެއްވެސް މަންފާއެއް ނޯންނާނެ ކަމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީ އިން ބުނެފިއެވެ.

އަދާލަތުން މިފަދައިން ބުނެފައި ވަނީ މިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އާއި ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ހަތް ދައުވާ އަށް އިއުތިރާފުވެ އަދީބު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ ސިޔާސީ އެއްވެސް ޕާޓީއެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އަދާލަތު ޕާޓީ އިން ކޮށްފައިވާ ޓްވީޓުތަކެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީގެ އާއްމު މެންބަރުންނާއި ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަން ބޭނުންވާ ޔަގީންކަމަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ހޯދި ކަމަށް ތުހުމަތު ކުރެވޭ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާއެއް އެޕާޓީ އިން ހޯދާފައި ނުވާނެ ކަމުގެތެ ޔަގީން ކަމަށެވެ.

އަދާލަތު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާއި ހިންގާފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލު ކަމާ ގުޅުންހުރި މުއައްސަސާތަކުން ލަސް ނުކޮށް ހާމަ ކުރުމަށް ގޮވާލާފައެވެ. އެޕާޓީ އިން ބުނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ހިންގަވަމުން ގެންދެވި ގައިރު ގާނޫނީ ކަންކަމުގެ ވާހަކަ، އޭރުގެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެމެ، އެންމެ ފުރަތަމަ ވެސް ދެއްކީ އެޕާޓީ އިން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާއި ހިންގާފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލު ކަމާ ގުޅުންހުރި މުއައްސަސާތަކުން ލަސް ނުކޮށް ހާމަ ކުރުމަށް އަދާލަތުން ގޮވާލިއިރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲއެވެ. އަދި އެމްއެމްޕީއާރްސީ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތުތައް އެނގޭނެ އެއް ބޭފުޅަކީ އެމަނިކުފާނެވެ.

ނަމަވެސް މިއަދާއި ހަމަ އަށްވެސް އެ މައްސަލާގައި ޝާމިލުވަނީ ކޮން ބައެއް ކަމެއް އެއްވެސް އިދާރާއަކުން ހާމަ ކުރައްވާފައެއް ނުވެއެވެ. މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށް ދައުވާކޮށް އަދަބު ދިން ނަމަވެސް މި ސަރުކާރުގައި މި މައްސަލާގައި [އެމްއެމްޕީއާރްސީ] ދައުވާކޮށް އަދަބު ދީފައިވާ ހަމައެކަނި ފަރާތަކީ ރައީސް ޔާމީނެވެ.