ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޮވިޑް ހުއްޓުވާނީ އަހަރެން – ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ހުޅުވާލި ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެގޮތުން މުއްދަތު އިތުރު ކޮށްފައި ވަނީ މި މަހުގެ 10ވަނަ ދުވަހުގެ އިރުއޮއްސި 18:00 އަށެވެ. އަގުހުރި ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބަރާތުގައި ވީޑިއޯއާއި ފޮޓޯ ތައްޔާރު ކޮށް ފޮނުވަން ޖެހޭނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިނާއި ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯއެވެ.
ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެއެވެ. ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަންވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށެވެ. އަދި ހުރިހާ ވީޑިއޯއެއް ހުންނަން ވާނީ، mp4 ފޯމެޓްގައެވެ.
ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމް އާ ގުޅޭ ގޮތުން ދޭ މެސެޖް، އަސަރު ސާފުވާން ވާނެއެވެ. ފޮޓޯތައް ހުންނަންވާނީ، JPG, JPEG or PNG ފޯމެޓްގައެވެ.
މި މުބާރާތުގައި އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު ވަނަވަނަ އަށް ދާނީ މުބާރާތް ނިމޭއިރު، އެންމެ ގިނަ ޝެއާ ލިބިފައި ހުންނަ ވީޑިއޯ އަދި ފޮޓޯއެވެ.
އެއްވަނަ ވީޑިއޯ އަށް 15،000 ރުފިޔާ ލިބިގެންދާއިރު ދެވަނަ ވީޑިއޯ އަކަށް 10،000 ރުފިޔާ އަދި ތިންވަނަ ވީޑިއޯ އަށް 7،000 ރުފިޔާ ލިބިގެން ދާނެއެވެ. އެއްވަނަ ފޮޓޯ އަށް 10،000 ރުފިޔާ ލިބޭއިރު ދެވަނަ ފޮޓޯއަށް 5،000 ރުފިޔާ އަދި ތިންވަނަ ފޮޓޯ އަށް 3،000 ރުފިޔާ ލިބިގެންދާނެއެވެ.
ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރި ކުރާ ތަކެތި ފޮނުވާނީ 7231002 ޓެލެގްރާމް ނަންބަރަށެވެ. މުބާރާތުގައި ބައިވެރި ކުރާ ތަކެތި، މި މަހުގެ 12 ވަނަ ދުވަހު، "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނުގެ ފޭސްކްބް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކުރުމަށާއި ލައިކްސް ހޯދުމަށް އާންމުކޮށް ހުޅުވާލާނެއެވެ.
މި މުބާރާތުގެ ދަށުން ޕޯސްޓު ކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލައި ފުރުސަތު ބަންދު ވާނީ މިމަހުގެ 25 ވަނަ ދުވަހުގެ އިރުއޮއްސި 18:00ގައެވެ.