Last Updated: December 22, 23:49
Sunday, December 22, 2024
ޚަބަރު

ކުޅުދުއްފުށިން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހދ. ކުޅުދުއްފުށި -- ފޮޓޯ / އަވަސް

ކުޅުދުއްފުށި ސިޓީގައި ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން އެ ރަށުން ޕޮޒިޓިވް ވެފައިވަނީ އުމުރުން 34 އަހަރު އަހަރާއި 64 އަހަރުގެ އަންހެނެކެވެ. އެ ދެ މީހުން ވެސް ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ.

ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނެގެޓިވް ވުމުންނެވެ.

މި ދެ މީހުންނާއެކު ކުޅުދުއްފުށިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. އެއީ މާލެ އާއި ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ "ފާޅު ބޯޓު" ގެ ތިން ފަޅުވެރިންނާއި، ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ.

މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މާލެ ސަރަހައްދުގައި އިތުރުވާން ފެށުމުން، ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން މީހުން ރަށްރަށަށް ނުފޮނުވަން މިހާރު ވަނީ ނިންމާފައެވެ.

މީގެއިތުރުން މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކު އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.