ގަމާއި ހުވަދޫ އާއި ދެމެދު ސީޕްލޭން އޮޕަރޭޝަން ފެށުމަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުގެ ފްލައިޓުތައް ގެނައުމަށް ހުޅުވުނު ދޮރެއް ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީ (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވެއްޖެއެވެ.
ސީޕްލޭންގެ ދަތުތައް ހުވަދޫއަށް ފެށުމަށް އޭއައިއޭ އާއި މޯލްޑިވިއަން އާއި ދެމެދު އިއްޔެ ވެވުނު އެއްބަސްވުމަށްފަހު ވާހަކަ ދައްކަވަމުން ގައިސް ވިދާޅުވީ ގަން އެއާޕޯޓު ހިންގުމާއި ހަވާލުވި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރީ ގަން އެއާޕޯޓަކީ ދެކުނުގެ ރައްޔިތުންގެ އިގްތިސާދީ ތަރައްޤީގެ ނާރެހަކަށް ހެދުމަށްކަމަށެވެ. އެގޮތުން ސީޕްލޭން ހުވަދޫއަށް ފެށުމަށް މޯލްޑިވިއަން އާއި އެކު އެއްބަސްވުމަކަށް އާދެވުމަކީ މި ސަރަހައްދުގެ ތަރައްޤީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ޖެހިފައި އަބަދުވެސް ޖެހިފައި އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ އިންޓަނޭޝަނަލް ފްލައިޓްސް ގެނައުމުގެ ދަތިކަން، އެކަން ފިލުވުމަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް ސީޕްލޭން އޮޕަރޭޝަން ފެށުމަކީ" ގައިސް ވިދާޅުވިއެވެ.
ގައިސް ވިދާޅުވީ ސީޕްލޭން އޮޕަރޭޝަން ފެށުމުން ހުވަދޫ އަތޮޅުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންވެސް އިތުރުވެގެންދާނެކަމަށެވެ.
ގަމާއި ހުވަދޫ އާއި ދެމެދު ސީޕްލޭން އޮޕަރޭޝަން އަލުން ފެށުމަށް މަޝްވަރާ ކުރެވިފައިވަނީ މިދިޔަ ޖޫން މަހުގައެވެ. ކޮވިޑު 19 އާއި ގުޅިގެން ހުއްޓިފައިވާ ޓޫރިޒަމް އަލުން ފަށައިގަތުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޭނުން ކުރުމަށް ވަނީ މަޝަވަރާ ކުރެވިފައެވެ.
ގައިސް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެެއާޕޯޓު ތަރައްޤީ ކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެކަމަށް ސަރުކާރުގެ އެކި މުވައްސަސާތަކާއި ހާއްސަކޮށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިރުޝާދު ލިބެމުން އަންނަ ކަމަށެވެ.
ސީޕްލޭން ހުވަދޫއަށް ފެށުމަށް އޭއައިއޭ އާއި އެކު އިއްޔެ ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތް 45 ދުވަހުގެ ތެރޭގައި އޮޕަރޭޝަން ފެށުމަށް ވަނީ ނިންމާފައެވެ. މޯލްޑިވިއަން އިން ބުނީ ދަތުރުތައް ފަށައިގަތުމަށް ގަމުގައި އެ ކުންފުނީގެ އެއް ސީޕްލޭން ބާއްވާނެކަމަށެވެ.