Last Updated: November 22, 14:02
Friday, November 22, 2024
ރިޕޯޓް

ދޮންދީނި އައީ އައްޑޫ އަމާންކުރުމަށް!

ކޮންމެ ބައެއްގެ ތެރޭގައިވެސް ފޯކްލޯރު ހުންނާނެއެވެ. އެއީ އެކެއްގެ އަނގައިން އަނެކެއްގެ އަނގައިން ވާރިދުވަމުން ދެމެމުން އަންނަ އެތައް ސަތޭކަ އަހަރުވެފައިވާ ވާހަކަތަކެވެ. ބައެއް ވާހަކަތަކުގައި ހަގީގަތްތަކެއް ހުރެދާނެއެވެ. އަނެއްބައި ވާހަކަތަކުގައި ހަގީގަތުގެ ކަންފުޅެއް ނެތިވެސް ހިގައިދާނެއެވެ. ގިނަފަހަރަށް ފޯކްލޯރު އުފަންވަނީ ކޮންމެވެސް ބޮޑު ހާދިސާޔަކާ ގުޅުވައިގެންނެވެ. އެކަހަލަ ވާހަކަތަކުގައި ހަގީގަތުގެ ބިންގަލެއް އޮވެދާނެއެވެ. ފަހުން ފޮނިތޮށި ކާފޫރުތޮޅި އިތުރުވުމަކީ ތަބައީކަމެކެވެ.

ކަނދުވަލު ދޫންޏަކީ އައްޑުއަތޮޅު ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް އަތޮޅެއްގައި އުޅޭ ދޫންޏެއް ނޫނެވެ. އައްޑޫގައި އެޔަށް ޚާއްސަނަމެއް އޮވެއެވެ. ދޮންދޫންޏެވެ. މިދެންނެވި ދޮންދޫންޏާއިމެދު އައްޑޫގައި އިހުއްސުރެ ކިޔަމުން އަންނަ ފޯކްލޯރެއް އޮވެއެވެ. ތިރީގައި މިލިޔަނީ އަޅުގަޑު ކުޑައިރު އެވާހަކަ އަޑުއަހާގޮތެވެ. އޭގެ ތެދު ދޮގާއިމެދު މިފަހަރު އެއްޗެއް ދަންނަވާކަށް ނެތީމެވެ. އެހެން މައުޟޫއަކަށްވާތީއެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ.

ދުވަސްވަރަކީ މީގެ 900 ވަރަކަށް އަހަރު ކުރިއެވެ. އައްޑޫގައި ކުއްލިޔަކަށް ބުޅަލާއި ކާޅު ގިނަވެ ނުރައްކާތެރި ބަލިމަޑުކަމެއް އާއްމުވެއްޖެއެވެ. ވަރަށް ގިނަބަޔަކު ފުވައްމުލަކާއި ހުވަދުއަތޮޅަށް ހިޖުރަކޮށްފިއެވެ. ބައެއް ރަށްރަށް ފަޅުވެސް ވެއްޖެއެވެ. އޭރު އަތޮޅުގެ އިސްމީހުންގެ ތެރެއިންވެސް އިސްމީހަކީ އައްޑޫ އިސްލާންކުރެއްވި ކަލޭގެފާނު ޔޫސުފުނާއިބުގެ ދަރިކަލުން ޔަހުޔާނާއިބެވެ. އާއިލާޔާއެކު ޔަހުޔާނާއިބު ވަޑައިގެންނެވީ ފުވައްމުލަކަށެވެ. އޭރު ޔަހުޔާނާއިބުގެ ދަރިކަނބަލުން ދޮންޚަދީޖާބޫ ވަރަށްކުޑައެވެ.

ފުވައްމުލަކުގައި ހުރެގެން ދޮންޚަދީޖާ ބޮޑުވެ ފިރިފުރާވަރަށް އެޅެމުންދިޔައިރު މުޅި ފުވައްމުލަކުގައިވެސް އެވަރުގެ ރީތި އެހެންކުއްޖަކު ނުވެއެވެ. އެހެންވެގެން ދޮންޚަދީޖާގެ ކައިވެންޏަށް ވަރަށްގިނަ ފިރިހެނުން އެދެމުން ހުށައަޅަމުންދެއެވެ. ދޮންޚަދީޖާގެ ފިރިޔަކަށް ލާޒިމުވާ ވަރަށްބޮޑު މަސައްކަތެއް ޔަހުޔާނާއިބު ޝަރުތު ކުރައްވާފައި އޮވެއެވެ. އެޝަރުތަކީ އައްޑޫއަށް ގޮސް ފަންޑިތަހަދައި އަތޮޅު އަމާންކުރުމެވެ. އެއްވެސް މީހަކަށް މިކަންނުވެ ޒަމާން ދައުރުވަމުން ދަނިކޮށް ދޮންޚަދީޖާ ލިބިގަތުމަށްޓަކައި ޒުވާނަކު މިކަމަށް އިސްނަގައިފިއެވެ. ނަމަކީ ހާނެއިކަލޭގެއެވެ. މީނާގެ ބައްޕަ ދޮންސީދިކަލޭގެޔަކީ ފުވައްމުލަކުގައި ހުރި އެންމެ މޮޅު އެންމެ މަޝްހޫރު ފަންޑިތަވެރިޔާއެވެ.

ފުވައްމުލަކުން އެކުވެރިންގެ އޮޅިއެއް ގޮވައިގެން މި ދެބަފައިން އައްޑޫއަށްގޮސް މީދޫގައި ތިބެގެން އަތޮޅު އަމާންކުރުމުގެ ކަންވެރިކަން ފަށައިގެންފިއެވެ. އެންމެފުރަތަމަ ކުރިކަމަކީ ފަޅުތެރެއިން ބޮޑެތި ހިރިހިރި ލުއްސައިގެން ގެނެސް އެތަކެތި ކީހައިގެން ކޯގަންނުގައި ބޮޑު މިންބަރެއް ހެދުމެވެ. އޭގެ މައްޗަށް އަރައި އިނދެގެން ދޮންސީދިކަލޭގެ ފެށި މަސައްކަތަކީ ދިގުވެގެންވީ ކިޔެވެއްޔެއް ކިޔެވުމެވެ. މިގޮތަށް ކިޔަވަމުން ކިޔަވަމުންއައިސް ތިރީސް ދުވަސް ހަމަވާން ކައިރިވީތަނާ ކާޅުތައް މަދުވާން ފަށައިފިއެވެ. އެސޮރުމެންގެ އަޑުން ފާޅުވާ ނާމާންކަންވެސް ކުޑަވެއްޖެއެވެ. ބުޅާތައްވެސް ގެއްލޭން ފަށައިފިއެވެ. ތިރީސްވަނަ ދުވަހު ހުރިހާ ކާޅުތައް މުޅިން ގެއްލި އަވަދިވެއްޖެއެވެ.

ދެންވެސް ހުއްޓާނުލައި ކިޔަވަމުން އަންނަނިކޮށް ސާޅީސްވަނަ ދުވަހު ކޯގަންނު ބޯދާމިސްކިތޭ ކިޔުނު މިސްކިތުގެ ފުރާޅު މައްޗަށް ތިރިކޮށްލީ ވަރަށް ޗާލު ހުދުކުލައިގެ ދޫންޏެކެވެ. އިހަށް އައްޑޫން ނުފެންނަ އައު ދޫންޏެކެވެ. މިމަންޒަރު ބަލާން މިންބަރުމަތީގައި ހުރެފައި ދޮންސީދިކަލޭގެ ބުންޏެވެ. ކުދިންނޭވެ. އައްޑޫ އަމާންވީއެވެ. މީހުންވެސް އަމާންވީއެވެ. ޖައްވުވެސް އަމާންވީއެވެ. ދިރިއުޅުންވެސް ފައްސިވީއެވެ. މިއަތޮޅުގައި ދެން ކާޅެއް ނޫޅޭނެއެވެ. ދެން އުޅޭނީ އެފެންނަ ކަހަލަ ދޮންދޫންޏެވެ. އެއީ މަގޭ ދޮންދޫންޏެވެ. ދޮންސީދިކަލޭގެ ދޮންދޫންޏެވެ. އެސޮރުމެން ތިބިހައި ދުވަހަކު މިއަތޮޅު ނާމާންވުމެއް ނެތެވެ. އެސޮރުމެން ފައްސާލައިފިތަ، އިސާހިތަކު ނާމާންކަން ރުޖޫއަވެދާނެއެވެ.

މިހެންބުނެފައި މިންބަރުން ފައިބައި މީނާގެ ދަރި ހާނެއިކަލޭގެއަށް އެންގިއެވެ. އަވަހަށް ދަތުރުހަދައިގެން ފުވައްމުލަކަށް ގޮސް ދޮންޚަދީޖާޔާ އިނދެގެން އައްޑޫއަށް ގެންނާށެވެ. އެކަން ކުރެވޭންދެން ގެދޮރު އަޅައި ތައްޔާރު ކުރާނަމެވެ. އާނއެކޭ ބުނެފައި ހާނެއިކަލޭގެ ފުވައްމުލަކަށް ގޮސް ދޮންޚަދީޖާއާ އިނދެގެން ލަސްތަކެއްނުވެ އޭނާ ގޮވައިގެން އައިސް އައްޑޫގައި ދިރިއުޅޭން ފަށައިފިއެވެ. ހިޖުރަކުރި އެހެންމީހުންވެސް އެކިތަންތަނުން އެނބުރިއައިސް އާބާދުވެގެންފިއެވެ.

މިއެންމެނަށް ދޮންސީދިކަލޭގެ ކުރި އަމުރަކީ މިއަތޮޅުގައި މީހުން ދިރިއުޅޭހައި ދުވަހަކު ކޮންމެ ރަޖަބުމަހެއްގެ ހަތާވީސްވަނަ ދުވަހު ލައްބުމާލޫދޭ ކިޔުނު މާލޫދެއް ކިޔުމަށާއި ކޮންމެ ހުކުރުހޯމަ ވިލޭރެޔަކު މީހުން ދިރިއުޅޭ ކޮންމެ ގެޔެެއްގައި ތުންޖީނާ ސަލަވާތް ކިޔެވުމަށެވެ. މިއީ އަމާންކަންމަތީގައި އައްޑޫ ބޭއްވުމަށް ވަރަށް މުހިންމު ކަމެއްކަމަށްވެސް އެންގިއެވެ. މިކަން ވަރަށް ގިނަޒަމާނަށް ދެމިގެން އައިފަހުން މިހާރުގެ މީހުން ލައްބު މާލޫދެއް ނުކިޔައެވެ. ގޭގޭގައި ސަލަވާތެއްވެސް ނުކިޔަވައެވެ.