ސުޝާންތް ސިންގް ރާޖްޕޫތް ބަޔަކު މަރާލީ ނޫން ކަމަށާއި އޭނާ ވަނީ އަމިއްލައަށް މަރުވެފައި ކަމަށް އޯލް އިންޑިއާ އިންްސްޓިޓިއުޓް އޮފް ސައިންސްގެ ފޮރެންސިކް މެޑިކަލް ޑިޕާޓްމަންޓްގެ މެޑިކަލް ބޯޑުން ކަށަވަރުކޮށް ދީފިއެވެ.
"މިއީ އަމިއްލައަށް ދަންޖެހިގެން މަރުވެފައިވާ ކޭސްއެއް" މެޑިކަލް ބޯޑްގެ ޗެއަރޕާސަން ޑރ. ސުދީރް ގުޕްތާ ބުންޏެވެ. ޑރ. ސުދީރް މިހެން ބުނެފައިވަނީ ސްޝާންތްގެ މަރުގެ ސަބަބާއި ބެހޭގޮތުން ޓައިމްސް އޮފް އިންޑިއާއަށް ދީފައިވާ މައުލޫމާތެއްގައި ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
އެކްޓަރު ގައިގައި ދަންޖެހުމުން ހުރި ނިޝާންތައް ފިޔަވާ އިތުރު ޒަޚަމްތަކެއް ފެންނަން ނެތް ކަމަށް ޑރ. ސުދީރް ބުންޏެވެ. ސަލާމަތްވާން މަސައްކަތް ކޮށްފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުން އަދި ހެދުމުން ވެސް ފެންނަން ނެތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ސުޝާންތްގެ މަރާއިބެހޭ ގޮތުން އޮގަސްޓް މަހުގައި މުމްބާއީ ޕޮލިހުން ވެސް ވަނީ ސީބީއައި އަށް އެއީ އަމިއްލައަށް މަރުވެފައިވާ ކޭސްއެއް ކަމަށާއި އެކަމުގައި ޝައްކު ކުރެވޭ އިތުރު ކަންތަކެއް އެމީހުންނަށް ފެނިފައިނުވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ސުޝާންތްގެ އާއިލާއިން ވަނީ އެ މައްސަލަ ބެލުމަށް ކެނޑިނޭޅި އެކި ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.
އިންޑިއާ އިންްސްޓިޓިއުޓް އޮފް ސައިންސްގެ ފޮރެންސިކް މެޑިކަލް ޑިޕާޓްމަންޓްގެ ފަރާތުން ވަނީ ސުޝާންތްގެ އެތެރޭގެ ގުނަވަންތައް ޓެސްޓް ކުރުމަށްފަހު ޒަހަރު ދީފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާން ނެތް ކަމަށް ބުނެފައެވެ. މީގެ ކުރިން މުމްބާއީގެ ފޮރެންސިކް ސައިންސް ލެބޯޓްރީއިން ވެސް ވަނީ މިގޮތަށް ބަޔާން ނެރެފައެވެ.
އިންޑިއާ އިންްސްޓިޓިއުޓް އޮފް ސައިންސްގެ ޑޮކްޓަރުންގެ ޓީމް ވަނީ ސީބީއައި ޓީމާއި ބައްދަލުކޮށްފައި ކަމަށާއި އަދި އެމީހުންނަށް ހޯދުނު ކަންތައް ސީބީއައި އާއި ހިއްސާ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އެމީހުންގެ ހޯދުންތައް ލިޔުމުން ހުށަހަޅާފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި އެނގިފައި ނުވާ ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވެއެވެ.
އިންޑިއާ އިންްސްޓިޓިއުޓް އޮފް ސައިންސްގެ ފޮރެންސިކް އެކްސްޕާޓުންގެ ޓީމެއް ވަނީ ސެޕްޓެމްބަރުމަހު ތެރޭގައި މުމްބާއީގައި ސްޝާންތް ދަންޖެހިފައި ހުއްޓާ ފެނުނު އޭނާގެ އެޕާޓްމަންޓަށް ޒިޔާރަތް ކޮށްފައެވެ. އަދި އެ ތަނުގައި ހުރި ތަކެތި ދިރާސާ ކުރިއެވެ. އަދި ކޫޕާރ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި އެމީހުން އިންޓަވިއު ކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. އެ ހޮސްޕިޓަލަކީ 34 އަހަރުގެ ސްޝާންތްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި ތަނެވެ.
އިންޑިއާ އިންްސްޓިޓިއުޓް އޮފް ސައިންސްގެ މެޑިކަލް ބޯޑުން ބުނެފައިވާ ގޮތުގައި މި ކޭސްއަށް ގޮތެއް ނިންމަން މަސްދުވަސް ނަގާފައިވަނީ ކޫޕަރ ހޮސްޕިޓަލުން ސުޝާންތްގެ ޕޯސްޓްމޯޓަމް ހެދި ވަގުތު އެއްވެސް ވީޑިއޯ އެއް އަދި ފޮޓޯއެއް ނަގާފައި ނެތުމުގެ ސަބަބުންނެވެ.
ލިބިފައިވާ ހެކިތަކަށް ބެލުމަށްފަހު މެޑިކަލް ބޯޑުން ވަނީ ސުޝާންތް އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ނިންމާފައެވެ. އަދި މިއީ އެ ކޭސް ނިންމާލުން ކަމަށް ވެސް އެ ބޯޑުން ބުނެފައިވެއެވެ.
ސުޝާންތް ސިންގް ރާޖްޕޫތް މަރުވެފައިވަނީ ޖޫން 14 ވަނަ ދުވަހު އޭނާ މުމްބާއީގައި ދިރިއުޅުނު އެޕާޓްމަންޓްގައެވެ.