Last Updated: April 19, 16:08
Saturday, April 19, 2025
ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ރައީސް އޮފީސް: ފޮޓޯ / މިހާރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެމްބަރުން ޢައްޔަންކުރުމަށް، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައްވާފައި ވަނީ އެ ޓްރައިބިއުނަލްގައި މިހާރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަޤާމުގެ މުއްދަތު އަންނަ މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ ކަމަށެވެ.

އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 14ވަނަ ދުވަހުގެ ހެނދުނު
09:30 އިން މެންދުރުފަހު 12:30 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑު ކުރެވޭނެއެވެ.