Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 27، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

ރަަހްމާން ލަގުޒަރީން ނިކުންނަނިކޮށް ސިފައިންގެ ޖިޕްގައި އުނައިސް އިންދާ ފެނިގެން އެ ހުން ފަހަތުން ދިޔަ އެވެ. އަދި ވެގެން އުޅޭ ގޮތް އޮޅުން ފިލުވި އެވެ. އަދި ވަގުތުން ގެއަށް ގޮސް މި ހަބަރު ޔޫނުސް އަށް ދިނެވެ.

ޔޫނުސް އަށް އުނައިސް ސިފައިން ގެއަށް ގެންދިޔަ ޙަބަރު ލިބުމާއެކު އެތަނަށް ދިޔަ އެވެ. އަދި އުނައިސް ސަލާމަތް ކުރިއެވެ. އަދި ގެޔަށް އައިސް ވަރަށް ހަރުކަށިކޮށް އުނައިސް އާ ވާހަކަ ދެއްކި އެވެ.

"އަހަރެންގެ މުޅި ހަޔާތުގަ ވެސް މިއީ ދެކެން ބޭނުންވި ދުވަހެއް ނޫން. މިއަދު އެތައް ގަޑި އިރަކު އެތަނުގަ އިންނަން ޖެހުނު. އަހަރެން ބަދުނާމު ވެނިމިއްޖެ. ސަލީމް އާ ތަޅާފޮޅުމުން ލިބުނީ ކޯއްޗެއް؟ ކޮންމެ ގޮތެއް ވިޔަސް އެވެސް އަހަރެންގެ ދަރިއެއްގެ ފިރިމީހާ އޭނައަށް އަނިޔާވި ނަމަ ދެން ކިހިނެތް ހަދާނީ؟ މި ރަށުގަ އަހަރެން ވެސް ބަދަލު ހިފަަން ބޭނުން ނަމަ ނެރޭނެ މީހުން މަދެއް ނުވާނެ. އެކަމަކު ސަލީމަށް ވާ ކޮންމެ ކަމަކީ ނީލާއަށް ލިބޭ ދެރައަކަށް ވެދާނެތީ މަ މިހުންނަނީ އުއްމީދަކީ ސަލީމް އަށް ހެޔޮ ވިސްނުންލިބިގެން މިކަަންތަށް ރަނގަަޅު ކުރުން." ޔޫނުސް ހުރިހާ ވާހަކައެއް ދެއްކި އިރު އުނައިސް އަނގައިން ނުބުނެ އެވެ އަދި ބާރަށް ދޮރު ލެއްޕުމަށް ފަހު ދިޔައީ އެވެ.

ނީލާ ސަލީމް އާ އެކު މެންދުރު ކާން އިނދެ ވާހަކަ ދައްކަމުން ދިޔަ އެވެ.

"ސަލީމް ކަލާ ތީ އަހަރެންގެ ފިރިމީހާ، އަންބެއްގެ ހައިސިއްޔަތުން ކަލެއަށް ވިސްނަަދޭން އަހަރެން ބޭނުން. އަދިވެސް ވަގުތު އެބަ އޮތް ބައްޕަގެ ކުންފުނިން ފޭރިގެންފައިވާ ފައިސާ އެ މީހުންނަށް ރައްދު ކޮށްދީ އަދި ބައްޕަ ކާރިން މާފަށް އެދޭ. ހަމަ ޔަގީނުން ވެސް ބައްޕަ މާފު ކުރާނެ. އަދި އިއްޒަތާ ގަދަރު ވެސް ދޭނެ."

"ނީލާ މަގޭ ލޯބިވާ ކަމަނާ ފައިސާ ހުރީއްޔާ ހުރިހާ އެންމެން ވެސް ތިބޭނީ އަހަރެންގެ ފައި ދަށުގަ. އެއްވެސް މީހެއްގެ އެހީއަކަށް މިއަދު އަހަރެން ބޭނުމެއް ނޫން."

"އެކަމަކު ބައެއްގެ މުދާާ ފޭރިގެން ތިގޮތަށް މުއްސަނދިވާކަށް ނުވާނެ…ތި ހަމަ އަލިފާން. އަހަރެންގެ އާއިލާގެ އެކަކު ވެސް ކަލެއަކަށް ގެއްލުމެއް ނުދޭ. ކަލޭ ތި ގޮތަށް ވައްކަން ނުކޮށް ބައްޕަ ކައިރީ އެދުނު ނަމަވެސް ބައްޕަ މި ހުރިހާ މުދަލެއް ކަލެއަށް ދިނީސް ހިނިތުންވެފަ. އަޅެ ސަލާން ޖެހި ނަމަވެސް ކަލެއަށް ރަނގަޅުވީސް ތިގޮތަށް ލޫޓުވާލުމަށް ވުރެ."

"ކަލޭގެ އަނގަ މާ ގަދަވެއްޖެ. ދެން އެންމެ އެއްޗެއް ބުންޏަސް މަގޭ އަތުގަ ހުރިވަރު ދައްކާލާނަން. މިއީ އަހަރެންގެ ބިޒްނަސް. ކަލޭ މީގެ ތެރެއަށް ނުވަދޭ. ހަރާން ތަކެތި ކެޔަސް ކާނީ އަހަރެން ހަލާލު ތަކެތި ކާނީ ކަލޭ."

"ކަލޭ ކިތަންމެ ބުންޏަސް ނުބައި ކަމެއް ވާނީ ނުބައި. ކަލޭ އަހަރެންގެ ބައްޕަގެ ކުންފުނި ފޭރިގަތީ އަދި ތިގޮތުން ހޯދި ލާރިން ކަލެއަށް އުފަލުގަ އުޅެވޭނީ ކުޑަ ދުވަސްކޮޅަކު. ބާކީ އޮތްހާ ދުވަހު ކަލޭ އުޅޭނީ ހިތާމާގަ."

އިރުކޮޅަކުން ސަލީމް ތެދުވެގެން ދިޔައީ އެވެ. އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވެގެންނެވެ.

ޔޫނުސް އާއި އުނައިސް ދެބަފައިން އެކުގައި ކޯޓަށް ދިޔައެވެ. އަދި ވަރަށް މަސައްކަތުން ފެކްޓަރީ އާއި ގެ ސަލާމަތް ކުރުމަށް މުއްދަތެއް ހޯދި އެވެ. ކޯޓުގައި އެތައް އިރެއް އެމީހުން ތިބެންޖެހުނެވެ. ކޯޓުން ނިމިގެން އެމީހުން ނިކުތް އިރު އެ މީހުންގެ ކާރު ގެ ފުރޮޅު އޮތީ ވައި ގޮއްސަ އެވެ.

"ބައްޕަ މިތާ މަޑުކޮށްލައްވާ އަޅުގަނޑު އެ ބައަންނަން ވައިޖަހާނެ މީހަކު ގޮވައިގެން."

ޔޫނުސް އެތާ ހުރި ބެންޗެއްގައި އިށީނެވެ. އެވަގުތު މުސްކުޅި މީހަކު ސަލާމް ގޮވާލީމާ އޭނާ އިސް އުފުލާ ބަލާލި އެވެ. އަދި އެ މީހާ ނުދައްނާތި އެއްވެސް އެއްޗެކޭ ނުބުނެ އިނެވެ.

"މަނިކުފާން އަހަރެންނަކީ މަނިކުފާނުގެ ފެކްޓަރީ ދުވަސްވަރު އެތާ މީހުންނަށް ސައި އުފުލި މީހާ. އަޅުގަނޑުގެ ގާޑިޔާ ވެސް ބަައެއް ފަހަރު އެތާ ޕާކް ކުރަން."

"އެހެންދޯ ކަލޭތީ އާދަނު ދޯ؟ މިހާރު އެނގިއްޖެ."

"ސާހިބާ މި ދިމާވީ ވަރަށް ދެރަ ގޮތެއް. ޙާއްސަކޮށް އާއިލާ މީހެއްގެ ފަރާތުން. އަސްލު އެ ފެކްޓަރީން ލިބޭ އާމްދަނީއަކުން އަޅުގަނޑުމެން އުޅެމުން އައީ. ކަލެ އާ އެކު އަބަދުވެސް ދެ ގޮތެއް ވުމެެއް ނެތި އަޅުގަނޑުމެން ތިބޭނަން."

"ކަލޭމެންގެ ތި ލޯތްބާއި އެކުވެރިކަމުގެ ގުޅުމަކީ އަބަދުވެސް އަހަރެން އެދޭ ގުޅުން. އަދި މިގުޅުން ދުވަހަކު ވެސް ނުގެއްލޭނެ. އިރާދަ ކުރެއްވިއްޔާ އަލުން ފެކްޓަރީ ކާރި މުސްތަގުބަލެއްގަ ހުޅުވާނަން."

(ނުނިމޭ)