މޫސުމަށް އަންނަ ބަދަލުތައް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ކޮންމެ ޤައުމަކަންވެސް ޤައުމީ ފެންވަރެއްގައި ކަނޑައަޅާ މިންވަރު އިތުރަށް ހަރުދަނާކޮށް، ޖައްވު ހޫނުވުމަށް މަގިފަހިކުރުވާ ގޭސްތައް މަދުކޮށް ދުނިޔެ ހޫނުވުން 1.5 ޑިގްރީޒްއަށް ވުރެ މަތިނުވާނެހެން ހިފަހައްޓަވަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ވަރޗުއަލްކޮށް ކުރިއަށްދިޔަ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ލީޑަރސް އިވެންޓްގައި މިއަދު ބައިވެރިވެވަޑައިގެން މިނިސްޓަރު ޝާހިދު ވިދާޅުވީ ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ (ސީ.ވީ.އެފް.) މެމްބަރުންގެ މިމައްސަލައަށް ދޭ އަހައްމިއްޔަތުގެ ސަބަބުން މިޤައުމުތައް، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ކަމަށެވެ.
އަންނަ އަހަރު ގްލާސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ޖެހެންދެން މިހާރު މި އޮތް ބާރުމިނުގައި ކުރިއަށް ގެންދިޔުމަށް މިނިސްޓަރ ގޮވާލައްވާފައިވާއިރު، މިހާރަށްވުރެ ވަރުގަދަ އަޒުމެއްގައި މޫސުމަށް އަންނަބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރެވޭނީ، އެކަށީގެންވާ ދެމެހެއްޓެނިވި ގޮތެއްގައި އެކަމަށް ބޭނުންވާ ފައިސާ ހުރިހާ ޤައުމަކުން ވެސް ލިބިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، މޫސުމާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެ ކުދި ޤައުމުތަކަށް މިފައިސާއިން ލިބޭ އެހީ މަދުމަކަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ފަރާތްޕުޅުން މި އިވެންޓްގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ޝާހިދު ވަނީ މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓެވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ އަށް މަރުހަބާ ދަންނަވާފައެވެ. މީގެއިތުރުން މޫސުމީ ބަދަލުތަކުގެ ކަންތައްތަކުގައި ބަންގްލަދޭޝްއިން އަދާކުރާ ދައުރުވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.