ބައިނަލްއަގުވާމީ ކާގޯގެ ދަތުރުތަކެއް އައްޑޫ ސިޓީ އަދި ގދ. ތިނަދޫ އަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އައްޑޫ ސިޓީއަކީ މިހާރުވެސް ޕޯޓެއް އޮންނަ ސިޓީއެކެވެ. އެހެންނަމަވެސް އެ ސިޓީއަކަށް ޝެޑިއުލްކޮށްގެން ކާގޯ ދަތުރުތަކެއް ކޮށްފައެއް ނުވެއެވެ. އަދި ދެކުނުގެ އެހެން ރަށަކަށްވެސް ޝެޑިއުލްކޮށްގެން ދަތުރުތަކެއް ނުކުރެއެވެ.
ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ ސިޓީއަށާއި އައްޑޫ ސިޓީއިން ތިނަދުއަށް، އަދި ތިނަދޫއިން އަނެއްކާ ޓުޓިކޮރިންއަށެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި އެ ދަތުރުތަކާއެކު ދެކުނުގެ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބިގެން ދާނެއެވެ. އަދި ކުދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރައީސް އޮފީހުން ބުނީ އައްޑޫ އާއި ތިނަދޫއަށް ޝެޑިއުލްކޮށް ދަތުރުތައް ފެށުމުން އެ ޕޯޓު ހިމެނޭ ސަރަހައްދުގެ ބިމުގެ އަގުތައް އުފުލި ވެއާހައުސިން ފަދަ އެތައް ހިދުމަތެއް އިތުރުވެ ވަޒީފާ އާއި މަންފާ ލިބޭނެ އިތުރު ވަސީލަތްތައް ހަމަޖެހިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ދެކުނުގައި ކާގޯގެ ހިދުމަތް ފެށިއިރު ކުޅުދުއްފުށީ ސިޓީގައި ވަނީ ދާދި ފަހުން އިންޑިއާގެ ކާގޯ ފެރީގެ ދަތުރުތައް ފަށާފައެވެ. އެ ދަތުރުގައި ގެނެސްފައިވާ ރެމްކޯ ބްރޭންޑުގެ ސިމެންތި މިހާރު އެސްޓީއޯ އިން އަންނަނީ އުތުރުގައި ވަރަށް އަގުހެޔޮކޮށް ވިއްކަމުންނެވެ.