Last Updated: November 23, 05:52
Saturday, November 23, 2024
ޚަބަރު

ބީއެމްއެލް އިން އަލުން ޕޭޕަލް އަންބްލޮކް ކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕޭޕަލް އަލުން އަންބްލޮކް ކޮށްފިއެވެ.

ބީއެމްއެލް އިން ޕޭޕަލް ބްލޮކް ކޮށްލީ ކަސްޓަމަރުންގެ ކާޑުން ނޭނގި މުއާމަލާތްތައް ހިންގާ މައްސަލަތައް ފެންމަތިވުމުންނެވެ. ބީއެމްއެލް އިން ބުނީ މިހާރަކަށް އައިސް ކަސްޓަމަރުންނަަށް ނޭގި ކާޑުގެ ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ގިނަވަމުންދާކަން ފާހަގަވެ، އެފަދަ ސައްހަ ނޫން މުއާމަލާތްތަކުން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން ދާދި ފަހުން އެ ބޭންކް އިން ބައެއް ޕޭޕަލް މާޗަންޓުން ބްލޮކް ކޮށްފައިވާ ކަމަށެވެ.

މިއީ އާންމު އުސޫލުގެ މަތިން ކަސްޓަމަރުންގެ ރައްކާތެރިކަމަށް ބޭންކުން އެޅި ފިޔަވަޅެއް ކަމަށާއި މި މާޗަންޓުން ބްލޮކް ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކާޑުތައް ޕޭޕަލް އެކައުންޓަށް ލިންކު ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ބީއެމްއެލް އިން މިހާރު ވަނީ ޕޭޕަލްގައި ހުރި ހުރިހާ މަރޗެންޓުން އަންބޮލޮކް ކޮށްފައެެވެ. އެހެންކަމުން ކަސްޓަމަރުންނަށް ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކްްް ކުރެވޭނެއެވެ. އެހެން ނަމަވެސް، ބީއެމްއެލް އިން ކުރިޔަށް އޮތްތާގައިވެސް މިފަދަ ސައްހަ ނޫން މުއާމަލާތައް ހިނގާތޯ ބަލައި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭންކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އަދި މަރޗަންޓުން ބްލޮކް ކުރަންޖެހޭ ހާލަތްތަކުގައި ބްލޮކް ކުރާނެ ވާހަކަވެސް ދަންނަވަމެވެ." ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑުތަކަކީ، ވިޔަފާރީގެ މުއާމަލާތްތައް ސައްހަ ކުރުމަށާއި، ކަސްޓަމަރަށް ނޭނގި ކާޑުގެ ބޭނުން ކުރުން ހުއްޓުވުމާއި ކަސްޓަމަރުންނަށް ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދައިދިނުމަށް ތްރީޑީ ސެކުއާ އޮތެންޓިކޭޝަންގެ ރައްކާތެރިކަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑުތަކެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ކާޑާއި އެކައުންޓުން ގޮތް ނޭނގޭ ސައްހަ ނޫން މުއާމަލާތެއް ހިނގާފައިވޭތޯ ބެލުމަށްފަހު ޝައްކުކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ބޭންކަށް ހުށަހެޅުއްވުމަށް އެބޭންކުން ވަނީ އެދިފައެވެ. މިގޮތަށް އެކައުންޓުން ހިނގާފައިވާ ސައްހަނޫން މުއާމަލާތެއް، އެ މުއާމަލާތެއް ހިނގާފައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހަޅަން ވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.