އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ ކުރި އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ 3.9 ޕަސެންޓަށް ކުރިއަރާނެއެވެ. ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން އެ ބޭންކުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މުޅި އެ ސަރަހައްދުގެ ޖީޑީޕީ 14 ޕަސެންޓަށް މިއަހަރު ދަށްވާނެއެވެ. ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި ކޮވިޑްގެ ސަބަބުން އެންމެ ބޮޑަށް އިގްތިސޯދަށް ހީނަރުކަން އައިސްފައި ވަނީ ދެކުނު އޭޝިއާ ސަރަހައްދަށެވެ.
ގައުމީ އުފެއްދުންތެރިކަން އެންމެ ބޮޑަށް ދަށްވާނެ ގައުމަކީ އެ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. ރާއްޖޭގެ ޖީޑީޕީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 5.9 ޕަސެންޓް ދަށަށް ގޮސްފައިވާއިރު ދެވަނަ ކުއާޓަރުގައި 19.5 ޕަސެންޓް ދަށްވެފައިވާ ކަމަށް ވެސް ދިރާސާއިން ދައްކައެވެ.
ނަމަވެސް އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ 3.9 ޕަސެންޓަށް ކުރި އަރާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
މުޅި ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ މައިނަސް 17.7 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.